ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓަކާއި ކޯސްޓްގާޑުން ލަންކާގެ ދެމަސްބޯޓު އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓަކާއި ކޯސްޓްގާޑުން ލަންކާގެ ދެމަސްބޯޓު އަތުލައިގަނެފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް، އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ފާހަގަކުރެވި، ކޯސްޓްގާޑުން އެ ބޯޓު ބާރުގެ ދަށަށް ގެންގޮސްފިއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ވެސް ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގައި އެމްއެންޑީއެފް އެއަރކޯރއިން ވަނީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާފައެވެ. މި ސަވެއިލަންސްގެ ތެރެއިން ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ބޭރުގެ ބޯޓެއް ފާހަގަކުރެވުމާއެކު، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން ވަނީ އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިއީ ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފްއިން އާ ޓެކްނޮލޮޖީ ބޭނުންކުރާ މުހިންމު މިސާލެކެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ވެސް ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ދެ ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5ވަނަ ދުވަހުގެ ރޭގަނޑު، ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތްތައް މިފަދަ އޮޕަރޭޝަންތަކުން ދައްކުވައިދެއެވެ.

މިއަދު އޮންލައިން