ސަޢުދީ ޢަރަބިއްޔާގެ ރިޔާޛްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ލިބުނު ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކޮށްފިއެވެ. މި ދެ އެތުލީޓުންނަކީ އެންމެ ފަހުގެ ޤައުމީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި، ޤައުމީ ގިނަ ރިކޯޑުތަކެއް ހަދާފައިވާ ފެތުންތެރިޔާ ޢަލީ އިމްއާންއެވެ.
މި ދެ އެތުލީޓުންގެ ނަން ހާމަކޮށް، ގައުމީ ދިދަ ހަވާލުކޮށްފައިވަނީ އެތުލީޓްސް ވިލެޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޢަބްދުލް ސައްތާރު (ޗަމްޕީ) ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޤައުމީ ދިދަ ޙަވާލްކޮށްދެއްވުމަށްފަހު، އެމްއޯސީގެ ރައީސް ޢަބްދުލް ސައްތާރު ވިދާޅުވީ، މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހި ރާއްޖޭގެ ހުރިހާ އެތްލީޓުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ކޮންމެ ކުޅުންތެރިންއަކަށް ލިބޭނެ ޝަރަފެއް ނޫންކަން ފާހަގަކުރައްވައި، ކޮންމެ އެތުލީޓަކުވެސް މަސައްކަތް ކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ، ޤައުމީ ދިދަ އުފުލާލުމުގެ ޝަރަފު ލިބިގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަކީ މުސްލިމް ޤައުމުތަކުގެ މެދުގައި ބާއްވާ ބޮޑު ކުޅިވަރު މުބާރާތެކެވެ.