ލިބޭ އަނިޔާއިން އަރައިގަތުމަށް ފަސޭހަވާނީ މިކަންކަމަށް ސަމާލުކަންދީގެން ދުޢާކުރީމަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ލިބޭ އަނިޔާއިން އަރައިގަތުމަށް ފަސޭހަވާނީ މިކަންކަމަށް ސަމާލުކަންދީގެން ދުޢާކުރީމަ! އިން ޝާ ﷲ

ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި އެކަމެއް ކުރިމަތިވީ މިވެނި މީހަކުގެ ސަބަބުންކަމަށް ޤަބޫލުކުރެވި އެމީހަކަށް ލަޢްނަތް ލެއްވެވުން އެދިގެން ނުވަތަ އެމީހަކަށް ދެރަގޮތް މެދުވެރިކުރެއްވެވުން އެދިގެން އެބަ ދުޢާކުރެވެއެވެ. ތިބާ ދުޢާކުރީ އަނިޔާލިބެމުންދާ ޙާލަތުގައި އަނިޔާ ލިބިލިބި ހުރެގެންކަމަށްވުމުން ތިބާކުރި ދުޢާ ޢިޖާބަކުރެއްވެވުންވެސް އޮތީ ހަމަ ވަރަށް ގާތުގައެވެ.  

ބުނަންހެއްޔެވެ؟ މީހަކު ތިބާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިންނަމަވެސް އޭނާއަށް ބަދުދުޢާކުރުމެއް ނެތެވެ. އެމީހާ ކުރިކަމެއް އެކުރީ އޭނާގެ ހުރި ނުބައިކަމުންނެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ކިތަންމެ ބޮޑު ހިތްދަތިކަމެއް ނުވަތަ ތަކްލީފެއް ކުރިމަތިވިނަމަވެސް އެއްވެސް މީހަކަށް އިނގިލި ދިއްނުކުރާށެވެ! ގެއްލުންދިން މީހާ އެނގުނުކަމުގައިވީނަމަވެސްމެއެވެ. އެކަންކުރީ އެމީހަކުނަމަވެސް އެމީހާއަށް އެކަންކުރެވޭނީ އެކަން ތިބާއަށް މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާތީކަން ޤަބޫލުކުރާށެވެ!   

ޔަޤީންކުރަންވީ ﷲ ތަޢާލާ ދެނެވޮޑިގެންނުވާ އެއްވެސް ކަމެއް އަހުރެމެން އެކަކަށްވެސް ކުރިމަތިނުވާނެ ކަމެވެ. އަދި ﷲ ތަޢަލާއަށް އެކަމަކުން އަހުރެމެން ސަލާމަތްކޮށް ނުދެއްވެވޭނެ އެއްވެސް ކަމެއްވެސް ކުރިމަތިނުވާނެކަމެވެ. އެއީ ކިތަންމެ ބޮޑު ބައްޔެއްގައި އުޅެންޖެހުން ނަމަވެސް ކިތަންމެ ބޮޑު މާލީ ދަތިކަމެއް ކުރިމަތިވުން ނަމަވެސް އަދި ކައިވެނި ރޫޅި އެކަނިވެރިވާންޖެހުން ފަދަ ކޮންމެ ކަމެއް ނަމަވެސްމެއެވެ.  

ވީމާ އަހުރެމެން އަވަސްވެގަންނަންވީ ﷲ ތަޢާލާގެ ޙަޟަރަތުން ނަޞްރު ލިބުމަށެވެ. މާނައަކީ އަވަސްވެގަންނަންވީ ކުރިމަތިވި މައްސަލަ ޙައްލުކޮށްދެއްވެވުން އެދި ދުޢާކުރުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމަށެވެ. އަޅުކަންކުރުން ގިނަކުރާށެވެ! ސަޖިދައިގައި ގިނަ ވަޤުތު ހޭދަކުރާށެވެ! ތިމާގެ ހުރި ނިކަމެތިކަމާއި ﷲ ތަޢާލާގެ މަތިވެރިވަންތަކަން ބަޔާންކޮށް ދުޢާކުރާށެވެ! ކުރިމަތިވި ކަންތަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން