ތިބާގެ ދަރިފުޅު ކައިވެނިކޮށްފިނަމަ އެއީ އަންހެން ދަރިއަކަސް އަދި ފިރިހެން ދަރިއަކަސް އޭނާގެ ދިރިއުޅުމާއިމެދު ނިންމާ ހުރިހާ ކަމަކާއި ނުބެހޭށެވެ. ރަނގަޅު ނޫން ކަމެއް ކުރަން އުޅޭނަމަ ރަނގަޅު ގޮތް ބުނެދޭށެވެ. ބުނެދިނުމުންވެސް އެކަމެއް ކުރަން އުޅޭނަމަ ކުރަން ދޫކޮށްލާށެވެ. ތަޖުރިބާ ކުރެވޭނީ އެއިރުންނެވެ.
ހަނދާންކުރަންވީ ތިމާގެ އެދުވަސްވަރެވެ. ކައިވެނިކޮށްގެން ދިރިއުޅެން ފަށައިގަތް ދުވަސްވަރެވެ. އެއިރު ކުރަން އުޅުނު ކަންކަމަށް އެހެން މީހުން ބެހި މަޖުބޫރުތައް ކުރިމަތިކުރުވީ އިޙްޞާޞްކުރެވުނު އެނދަގޫތަކެވެ. ހަމަ އެއުނދަގޫތައް ދަރިފުޅަށްވެސް ވާނެކަމެވެ.
ކޮންމެ ދެމަފިރިއެއްގެ އަމިއްލަ ޕްލޭންތަކެއް ހުންނާނެއެވެ. އެކަންކަން ތަޖުރިބާކުރަން ފުރުޞަތުނުދޭނަމަ ކުރިމަތިވާނެ މައްސަލަތައް ގިނަވާނެއެވެ. މިޘާލަކަށް ބުނާނަމަ ތިބާގެ ނިންމުން ކޮންމެ ގޮތަކަށް އޮތަސް ފަހަރެއްގައި ތިބާގެ ދަރިފުޅު ރުހިދާނެއެވެ. ނަމަވެސް އޭނާގެ ބައިވެރިޔާ ނުރުހިދާނެއެވެ. މިއީ ދެފަރާތުގެ ޢާއިލާއިންވެސް ވިސްނަން ޖެހޭނެ ކަމެކެވެ.
ލޯބިން ދަރިފުޅު ގެންގުޅެވިފައިވުމަކީ އަމިއްލަ ދިރިއުޅުމެއް ފެށުމަށްފަހު މައިންބަފައިން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރަން މަޖުބޫރުކުރުވަން އޮތް ސަބަބެއް ނޫނެވެ. އަދި ކުދިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި ބެހުމަކީ ދީނުގައިވެސް އޮތްގޮތެއް ނޫނެވެ. ބެހެންވާނީ ކުރިން ބުނިފަދައިން ގޯސްކޮށް ކަމެއް ކުރެވެން އުޅޭނަމައެވެ. ދަރިންނަށް ގެއްލުން ލިބޭފަދަ ކަމެއް ކުރަން އުޅޭނަމައެވެ. އެޙާލަތުގައި އޮތީ ނަޞީޙަތް ދިނުމެވެ. މަޖުބޫރުކުރުމެއް ނެތެވެ.
ކައިވެނިކުރުމަށްފަހު ދަރިންގެ ހުރިހާ ކަމަކާއި ބެހޭނަމަ މައިންބަފައިންގެ މަތިން ދަރިން ފޫހިވެސްވާނެއެވެ. ބެހެން ނުޖެހޭ ކަންކަމާއި ބެހޭނަމަ ބެހެން ޖެހޭ ކަންކަމާއި ބެހުމުންވެސް އެކަން ޤަބޫލުކުރަން އޮންނާނީ އުނދަގޫކަމަކަށްވެފައެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން