ފަށްކުރުމެއް-: ދާވޫދުގެފާނުގެ ވާހަކަ 1

ކިޔުމަށް ހޭދަވާނީ 19މ 33ސ
ފަށްކުރުމެއް-: ދާވޫދުގެފާނުގެ ވާހަކަ 1

ޢަލީ އިޙްޞާން ފިރާޤް

 

دَاوُد عليه السّلام

މާތް اللّـه سبحانه وتعالى، ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދައަކީ އެކަލޭގެފާނު ހިއްޕެވި ރޯދަފުޅެވެ. ދެ ދުވަހުން އެއްދުވަހު އެކަލޭގެފާނު ރޯދަފުޅަށް ހުންނަވައެވެ. އެކަލޭގެފާނު މާތް ގެ ކަލާމްފުޅު ކިޔަވާ ރިވެތި ލަޙްޖާގެ ސަބަބުން މަތިން އުދުހިފައިދާ ދޫނިސޫފާސޫފި ވެސް މަޑުކޮށް އެކަލޭގެފާނާއެކު އެ ކަލާމްފުޅު ކިޔުމުގައި ބައިވެރިވެއެވެ. ހިލަ ފަރުބަދަތައް ވެސް އެކަލޭގެފާނާއެކު މާތް اللّـه سبحانه وتعالى ގެ ޙަޟުރަތަށް ތަސްބީޙަ ދަންނަވައެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ. ރަސޫލެކެވެ. ބޮޑު ރަސްކަމެއް ކުރެއްވި ރަސްކަލެކެވެ. އެއީ دَاوُد عليه السّلام އެވެ.

ނަންފުޅާއި ނަސަބުފުޅު

އެކަލޭގެފާނަކީ މާތް اللّـه سبحانه وتعالى، ގެ ރަސޫލާ އަދި ނަބިއްޔާ  إبراهيم الخليل عليه السّلام ގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެކެވެ. علاّمة إبن كثير رحمه اللّـه،  ލިޔުއްވާ ގޮތުގައި އެކަލޭގެފާނުގެ ނަސަބު ނާމާއަކީ داود بن ايشا بن عويد بن عابر بن سلمون بن نحشون بن عويناذب بن ارم بن حصرون بن فارص بن يهوذا بن يعقوب بن إسحاق بن إبراهيم الخليل عليه السّلام އެވެ.

އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ވަހަބު ބުނު މުނައްބިހުގެ އަރިހުން ރިވާވެގައިވާކަމަށް އިބްނު އިސްޙާޤު ބަޔާން ކުރައްވައިފައިވެއެވެ. [دَاوُد عليه السّلام އަކީ، އިސްކޮޅުފުޅުން ކުރު، ލޯފުޅު ނޫކުލައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި އިސްތަށި މަދެވެ. އެކަލޭގެފާނުގެ ހިތްޕުޅަކީ ނުހަނު ސާފު ޠޯހިރު ހިތްޕުޅެކެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 300}

دَاوُد عليه السّلام، ޖާލޫތު ޤަތުލުކުރެއްވި ޙާދިޘާގެ ތަފްސީލު، شمويل عليه السّلام ގެ ސީރަތުގައި ލިޔެވި ހިނގައްޖެއެވެ.

ރަސްކަމާއި ނަބީކަން

داود عليه السّلام އަށް ރަސްކަން ލިބިވަޑައިގެންނެވި ގޮތާމެދު ދެ ރިވާޔަތެއް ރިވާވެގެންވެއެވެ. އެއްރިވާޔަތުގައިވަނީ داود ގެފާނު، جالوت  قتل ކުރައްވައި އޭނާގެ އުނދަގުލުން ސަލާމަތް ކޮށްދެއްވުމުން ބަނީއިސްރާއީލުންގެ މީސްތަކުން އެކަލޭގެފާނާ ވަރަށް ޤަބޫލުވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ވެރިއަކަށް އިންތިޚާބު ކުރުމަށް ނިންމެވިއެވެ. އެއީ طالوت ވެރިކަމުން ދުރުކޮށްފައެވެ. އެހެން ރިވާޔަތެއްގައިވަނީ ދުޝްމިނުންނާ ކުރެއްވި ހަނގުރާމައެއްގައި طالوت ޝަހީދުވުމުން އޭނާގެ ބަދަލުގައި داود عليه السّلام  ރަސްކަމަށް އިސްކުރެއްވީކަމުގައެވެ. އެކަލޭގެފާނަށް ރަސްކަން ލިބިވަޑައިގަތީ شمويل عليه السّلام ގެ އަމުރުފުޅަށް ކަމުގައިވެސް ބުނެވެއެވެ.

داود عليه السّلام އަށް ރަސްކަން ލިބިވަޑައިގަތުމުން ވެސް އެކަލޭގެފާނު އުޅުއްވީ ނުހަނު ސާދާ ދިރިއުޅުއްވުމެކެވެ. މި ޒަމާނުގައި އަޅުގަނޑުމެންނަށް މިފެންނަ ރަސްރަސްކަލުންގެ އަރާމާއި ފަސޭހަ ދިރިއުޅުއްވުމެއް ނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުވާނަމަ ދުނިޔޭގެ ހުރިހާ އުފަލެއް އެކަލޭގެފާނަށް ލިބިވަޑައިގެނެވީހެވެ. އެކަލޭގެފާނު ފަރީއްކުޅުއްވަމުން ގެންދެވީވެސް އަމިއްލަ އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުން ލިބިވަޑައިގަންނަވާ އެއްޗެކެވެ.

ދުވާލުވެއްޖެނަމަ އެކަލޭގެފާނު މީސްތަކުންނަށް ވަޢުޡާއި ނަސޭހަތްދެއްވައެވެ. އެކަލޭގެފާނުގެ ރަސްކަމުގެ ދަރުބާރަށް ހުށައެޅޭ މައްސަލަތައް ޢަދުލުއިންޞާފާއެކު، ފައިޞަލާކުރައްވައެވެ. ގިނައިން ހުންނަވަނީ ރޯދަފުޅަށެވެ. ރޭގަނޑުވެއްޖެނަމަ ގިނަ ވަގުތު ހޭދަކުރައްވަނީ މާތް އަށް އަޅުކަން ކުރެއްވުމުގައެވެ. އެކަލާނގެ ރަސްކަންފުޅު ހަނދުމަ ކުރެއްވުމުގައެވެ. މާތް اللّـه سبحانه وتعالى، داود عليه السّلام އަށް  ބިމުގެ ޚަލިފާކަންދެއްވައި ވަޙީ ކުރައްވައިފައިވެއެވެ.

يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّـهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ ﴿٢٦  { سورة ص}

މާނައީ: [އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ.]

އެހެންކަމުން داود عليه السّلام މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދެއްވައެވެ. އަބަދުވެސް އިހާލީ ޝަރީޢަތުގެ މައްޗަށް ޙުކުމްކުރައްވަމުން ގެންދެވިއެވެ. އެއް ފަހަރަކު ހިނގި ޙާދިޘާއެއްގެ ވާހަކަ ޞާދު ސޫރަތުގައި 21 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވެއެވެ.

 وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ ﴿٢١﴾ إِذْ دَخَلُوا عَلَىٰ دَاوُودَ فَفَزِعَ مِنْهُمْ ۖ قَالُوا لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ ﴿٢٢﴾ إِنَّ هَـٰذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ ﴿٢٣﴾ قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِ ۖ وَإِنَّ كَثِيرًا مِّنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ ۩ ﴿٢٤﴾ فَغَفَرْنَا لَهُ ذَٰلِكَ ۖ وَإِنَّ لَهُ عِندَنَا لَزُلْفَىٰ وَحُسْنَ مَآبٍ ﴿٢٥

މާނައީ: [(داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ! ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.]

މި ދެންނެވި އާޔަތްތަކުގެ ތަފްސީރުގައި ޔަހޫދީންގެ ފަރާތުން ރިވާވެގެންވާ ދޮގު ވާހަކައެއް ބަޔާންވެފައިވެއެވެ. އެ ވާހަކައަކީ އެބައިމީހުގެ މުޤައްދަސްފޮތްތަކޭ ކިޔައިގެން އުޅޭ ފޮތްތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކެކެވެ. އެ ވާހަކައަކީ އެބައިމީހުންގެ ތަޢައްޞުބުގެ ސަބަބުން އުފައްދައި އެބައިމީހުންގެ ފޮތްތަކުގައި ލިޔެފައިވާ ވާހަކައެކެވެ.

އަލް ޢައްލާމާ އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުއަލްއަރްބަޢޫނައްނަވަވިއްޔާ ގެ ވިހި ވަނަ ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. ޔަހޫދީން ބުންޏެވެ. داود عليه السّلام ގެ ލަޝްކަރުގައިވާ ސިފައިންގެ މީހެއްގެ ވަރަށް ރީތި އަނތްބަކު ހުރެއެވެ. داود عليه السّلام މިއަންހެނާގެ ބޭނުމުގައި މިސިފައިންގެ މީހާ ހަނގުރާމައަށް ފޮނުވިއެވެ. އެއީ އެހަނގުރާމައިގާ އޭނާ ޤަތުލުވުމުން މި އަންހެންމީހާއާ ކައިވެނިކުރުމަށްޓަކައެވެ.

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުވިދާޅުވެފައިވެއެވެ. ” އަހަރެމެންނަށް ޝައްކެއްނެތި އެނގޭ ގޮތުގައި މިފަދައިން ބުނުމަކީ މުންކަރެކެވެ. ޢާންމު މުސްލިމެއްގެ ފަރާތުންވެސް މިފަދަ ކަމެއް ނުހިނގާނެއެވެ.(ހިނގުމަކީ ދުރު ކަމެކެވެ.) އެހެންވީއިރު ﷲ ގެ ނަބިއްޔެއްގެ ކިބައިން މިފަދަ ކަމެއްހިނގާނީ ކިހިނަކުންހެއްޔެވެ؟ އެހެނެއްކަމަކު އެބައިމީހުން (އެބަހީ:ޔަހޫދީން) ﷲ އާއި އެއިލާހުގެ ރަސޫލުންނާމެދު ދޮގުވާހަކަ އުފެއްދީއެވެ.]

މި ދެންނެވުނު ޙާދިޘާގެ އިތުރު އެހެން ޙާދިޘާއެއްގެ ވާހަކަ އަންބިޔާއު ސޫރަތުގައި މާތްﷲ ވަޙީ ބަޔާންކުރައްވައިފައިވެއެވެ. އެ ސޫރަތުގެ 78 ވަނަ އާޔަތާއި 79 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَدَاوُودَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ ﴿٧٨﴾ فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚوَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ ﴿٧٩

މާނައީ: [އަދި داود ގެފާނާއި، سليمان ގެފާނު ހަނދުމަކުރާށެވެ! قوم ގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألة ގައި، އެ ދެބޭކަލުން (ދެގޮތަށް) حكم ކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكم ގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ. ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.]

 عبدالله بن مسعود  رضى اللّـه عنــه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ދަނޑަކީ މޭބިސްކަދުރު ދަނޑެކެވެ. ބަކަރިތައް ވަދެގެން އެ ދަނޑު ހަލާކުކުރީއެވެ. ބަގީޗާގެ ވެރިމީހާ داود عليه السّلام ގެ ހިރިޔާފާތުރާގެ ދަށަށް އެ މައްސަލަ ހުށައެޅުއްވިއެވެ. داود عليه السّلام މި މައްސަލާގައި ނިންމެވީ ބަގީޗާއަށްވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ބަކަރިތައް ބަގީޗާގެ ވެރިމީހާއާ ޙަވާލުކުރުމަށެވެ. އެވަގުތު داود عليه السّلام ގެ ދަރިކަލުން سليمان عليه السّلام ވިދާޅުވިއެވެ. [އޭ މާތް ގެ ނަބިއްޔާއެވެ. ތިޔަ ކުރެއްވި ނިޔާނޫން އެހެން ނިޔާއެއް ނޯންނާނެތޯއެވެ؟] داود عليه السّلام ވިދާޅުވިއެވެ. [ދަރިކަލުންނަށް ފެނިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ؟] سليمان عليه السّلام ދެންނެވިއެވެ. [އަޅުގަނޑަށް ފެންނަގޮތަކީ ބަކަރިތައް ބަގީޗާގެ ވެރިމީހާ އާ ޙަވާލުކުރުމެވެ. އޭނާ އެ ބަކަރިތަކުން ފައިދާނަގާނީއެވެ. ދަނޑު ޙަވާލުކުރާނީ ބަކަރިތަކުގެ ވެރިމީހާއަށެވެ. އޭރުން އޭނާ އެ ބަގީޗާ އިހުއޮތް ގޮތަށް ހައްދައިފައި ބަގީޗާގެ ވެރިމީހާއަށް ރައްދުކުރާނީއެވެ. ދެން ބަކަރިތައް ބަކަރިތަކުގެ ވެރިމީހާއަށް ރައްދު ކުރާނީއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 472-473}

އެހެން ޙާދިޘާއެކެވެ. އަލްބިދާޔަތު ވައްނިހާޔަތު މި ފޮތުގައި އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހު ލިޔުއްވައިފައިވެއެވެ. ޢަބްދުﷲ ބިން އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ގެރިއެއްގެ މައްސަލައިގައި ދެ މީހަކު ދާވުދުގެފާނުގެ އަރިހަށް އައެވެ. ނަމަވެސް ދެމީހުންގެ ކުރެ ދަޢުވާ ރައްދުވާ މީހާ އެކަމަށް އިންކާރު ކުރިއެވެ. ދާވުދުގެފާނު އެ ދެ މީހުންގެ މައްސަލައަށް ޢަދުލުއިންޞާފު ޤާއިމުކުރެއްވުން އެރެޔަށް ލަސްކޮށްލެއްވިއެވެ. އެރޭގައި މާތްالله، ދާވޫދުގެފާނަށް ވަޙީ އިއްވެވީ ދަޢުވާ ކުރާ މީހާ ޤަތުލު ކުރެއްވުމަށެވެ. އެ ދުވަހުގެ ހެނދުނުވުމުން ދަޢުވާ ކުރާ މީހާއާ މުޚާޠަބު ކުރައްވައި ދާވުދުގެފާނު ވިދާޅުވިއެވެ. [ތިމަން ކަލޭގެފާނަށް މާތް الله އަމުރު ކުރައްވާފައިވަނީ ކަލޭ ޤަތުލު ކުރުމަށެވެ. ޝައްކެއްނެތެވެ. ތިމަންކަލޭގެފާނު އެގޮތަށް ކަންތައްކުރައްވާނަމެވެ. ކަލޭގެ ދަޢުވާގެ ފުރިހަމަ ޙަޤީޤަތް ތިމަންކަލޭގެފާނަށް ބަޔާންކޮށްދޭށެވެ.] އޭނާ ދެންނެވިއެވެ. [އޭ މާތް الله ނަބިއްޔާއެވެ. އަޅުގަނޑު ދަޢުވާ ކުރިކަންތަކުގައި އަޅުގަނޑަކީ ތެދުވެރިއެކެވެ. ނަމަވެސް މީގެ ކުރިން އަޅުގަނޑުވަނީ އޭނާގެ ބައްޕަ ޤަތުލުކޮށް ފައެވެ. ދެން ދާވުދުގެފާނު އޭނާ ޤަތުލު ކުރުމަށް އަމުރު ކުރެއްވިއެވެ. މިޙާދިޘާގެ ސަބަބުން ބަނީއިސްރާއީލުންގެ ތެރޭގައި ދާވުދުގެފާނުގެ ގަދަރު އުފުލިގެން ދިޔައެވެ. މީސްތަކުން އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާ ކުރުން އިތުރުކުރިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 307- 308}

މި ފަދަ އެތައް މައްސަލައެއް ކޮންމެ ދުވަހަކު داود عليه السّلام ގެ ރަސްކަމުގެ ދަރުބާރަށް ހުށައެޅެއެވެ. އެކަލޭގެފާނު އެ މައްސަލަތައް ރަނގަޅަށް ބައްލަވައި އެ މައްސަލަތައް ޝަރުޢީ ހަމަތަކުގެ މަތިން ޙައްލުކޮށްދެއްވައެވެ.

 

(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)

 

 

މިއަދު އޮންލައިން