އެގުޅުމުގަ ނުބައިކަމެއް ނެތްނަމަ ބައިވެރިޔާއަށް ސިއްރުން އެކުވެރިން ގެންގުޅެންޖެހެންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެގުޅުމުގަ ނުބައިކަމެއް ނެތްނަމަ ބައިވެރިޔާއަށް ސިއްރުން އެކުވެރިން ގެންގުޅެންޖެހެންވީ ކީއްވެ؟

ފުރަތަމަވެސް ވިސްނައިލާށެވެ! ބައިވެރިޔާއަށް ސިއްރުން ކުރެވޭ ވަރަށް އާދައިގެ ކަމެއްގެ ސަބަބުންވެސް ބޮޑެތި މައްސަލަތައް އެބަ އުފެދެއެވެ. އެހެންކަމަށްވާއިރު ބައިވެރިޔާ ސިއްރު އެކުވެރިއަކު ގެންގުޅޭކަން އެނގުމުން އެކަން ބޮޑުވެގެންދާނެ މިންވަރު ހިތަށް ގެންނާށެވެ.

އެންމެ ޢާންމު ފޯމިޔުލާއަކީ މީހަކާ އޮންނަ އެކުވެރިކަން ބައިވެރިޔާއަށް ސިއްރުކުރަންޖެހޭނީ އެގުޅުމުގައި ނުބައި ބައިތަކެއް ހިމެނޭތީ ކަމެވެ. ނޫންނަމަ ބައިވެރިޔާއަށް ސިއްރުކުރަން ޖެހެންވީ ސަބަބެއް ނުއޮންނާނެކަމެވެ.  

ކައިވެންޏަށްފަހުގައިވެސް އެކުވެރިންގެ ނަމުގައި ގިނަ ޢަދަދަދެއްގެ ފިރިހެނުން ގެންގުޅޭ އަންހެނުންނާއިމެދު އަދި އަންހެނުން ގެންގުޅޭ ފިރިހެނުންނާއިމެދުގައިވެސް ސަމާލުވާންވާނެއެވެ. ޚާއްޞަކޮށް ސިއްރު އެކުވެރިން ގެންގުޅޭނަމައެވެ.  

ސިއްރުކޮށްގެން އެކުވެރިންގެ ނަމުގައި އެގެންގުޅޭ ކޮންމެ މީހަކީވެސް ބައިވެރިޔާ ބަދަލުކޮށް ބައިވެރިޔާގެ މަޤާމް ދީފާނެ މީހެއް ކަމަށް ބަލަންވާނެއެވެ. މިކަމަށް ސަމާލުކަން ނުދީފިނަމަ ފަހުން ހިތާމަކުރަންޖެހުން އޮންނަނީ ދާދި ގާތުގައެވެ.  

ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ސިއްރު އެކުވެރިން ގެންގުޅެގެން ނުވާނެއެވެ. އެއްވެސް ހިލޭ މީހަކާއި ސިއްރުން ވާހަކަދައްކައި މުޢާމަލާތުކޮށްގެންވެސް ނުވާނެއެވެ. އެކަންކަން ކުރުވަނީ ޝައިޠޯނާއެވެ. ޢާންމު ގޮތެއްގައި ލިބޭނެ އެންމެ ބޮޑު އެއް ދެރައަކީ ނުބައި ގުޅުންތައް ހިންގުވުމަށްފަހު އެކަން ކުރުވި ޝައިޠޯނާ އެކަން ފަޅާއަރުވާލާކަމެވެ.  

އަހުރެން ބުނާނީ ސިއްރު ލޯބިވެރިންގެ އިތުރުން އަނބިމީހާއަށް ސިއްރުކުރަންޖެހޭ ފިރިހެން އެކުވެރިންވެސް ނުގެންގުޅޭށެވެ. އަދި ފިރިމީހާއަށް ސިއްރުކުރަންޖެހޭ އަންހެން އެކުވެރިންވެސް ނުގެންގުޅޭށެވެ. ދެމަފިރިންގެ މެދުގައި ސިއްރުކުރަންޖެހޭ އެއްވެސް މީހަކާއި އެކަކުވެސް ގުޅުން ނުބާއްވާށެވެ. އަދި ވިސްނާށެވެ. އެކުވެރިއަކު އޭނާގެ އެކުވެރިކަން ތިބާގެ ބައިވެރިޔާއަށް ސިއްރުކުރަން އެދޭނަމަ އެއިގެ މާނައަކީ އެއީ "ރަތްދިދަ" އެއް ކަމެވެ. 

ކަންކަމަށް ޝައްކުކުރެވި އެޝައްކުގެ ތެރެއިން މައްސަލަތައް ކުރިމަތިވަނީ ސިއްރު ގުޅުންތައް ބޭއްވޭތީއެވެ. ނުބާއްވާނަމަ ޝައްކުކުރާކަށް ނުޖެހޭނެއެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުވުމުގެ އެންމެ މުހިންމު އެއް އަސާސަކީވެސް އެއްވެސް ކަމެއް ސިއްރުނުކުރުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހކަފުޅަކުން  

މިއަދު އޮންލައިން