ކީރިތި ޤުރްއާން ހިތުދަސްކުރާ މީހަކަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ދަރަޖަ ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. އެހެންވެ ގިނަ ބައަކު ހިތުދަސްކުރަން ބޭނުންވާކަމަށްވެސް ބުނެއެވެ. އެކަމަށް އޮތް ހުރަހަކީ ވަޤުތުނުވުންކަމަށްވެސް ގިނަބައަކު ބުނެއެވެ.
އެމީހުންނަށް ފުރަތަމަވެސް ބުނަންޖެހެނީ ޤުރްއާން ހިތުދަސްކުރަން ތިފަދަ ބޮޑު ޝައުޤުވެރިކަމެއް އޮތީތީ އުފާކޮށް މަރުޙަބާކިޔާކަމަށާއި އެ ކަމަށް ނިޔަތް އޮތް ނަމަ މަގެއް ފެންނާނެކަމަށެވެ. އިން ޝާ ﷲ.
އެފަދަ މީހުންނަށް ބުނެލަން އޮތީ ޢިބްރަތް ޙާޞިލުކުރަންވީ ތިރީގައިވާ ވާހަކަ ފަދަ ކަންކަމުން ކަމަށެވެ. ޢިބްރަތެއްގެ ގޮތުން މިވާހަކަ ތަކުރާރު މިކުރަނީ ވާހަކައިގެ މުހިންމުކަން ބޮޑުކަމުންނެވެ. ހިތްވަރު ލިބިގަންނަންވީ އެފަދަ މީހުންގެ ކިބައިންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އަވަހަށް މަސައްކަތް ފަށާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ.
އަބޫ ހަފްސާއަކީ އިނގިރޭސިވިލާތުގައި ޓެކްސީކުރާ އުމުރުން 30 އަހަރުގެ ޑްރައިވަރެކެވެ. އޭނާ ވަނީ އޭނާ ޤުރްއާން ހިތުދަސްކުރަން މަސައްކަތކުރި ގޮތް ކިޔައިދީފައެވެ.
"އަހަރެން ހަދާ ގޮތަކީ އާޔަތެއް ކިޔުމަށްފަހު ކާރު ދުއްވަމުން އެ އާޔަތް ތަކުރާރުކުރަނީ. ދެން ދެވަނަ އާޔަތް ހަމަ އެގޮތަށް ކިޔައި ދަސްކުރަނީ. އެގޮތަށް އާޔަތްތައް ގުޅުވައިގެން ކިޔަމުން ގެންދަނީ."
އަބޫ ހަފްސާ ބުނަނީ ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ 20 ދުވަހުން ފޮތެއް ދަސްކުރެވޭނެ ކަމަށެވެ. 18 މަސްދުވަހުން ޤުރްއާން އެކުގައި ހިތުދަސްކުރެވޭނެކަމަށެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ކަންނެތްވާތީ އޭނާއަށް ދަސްކުރެވުނީ 3 އަހަރުން ކަމަށެވެ. އަދި ޤުރްއާން ހިތުދަސްކުރަން ވަކި ޢުމުރެއް ނެތް ކަމަށާއި ކޮންމެ ޢުމުރެއްގައިވެސް ދަސްކުރެވޭނެ ކަމަށެވެ.
ގުޅުންހުރި ވީޑިއޯ:
https://www.youtube.com/watch?v=LZSFUOHl7ss