ދެމަފިރިން ވަކިވެ ޢާއިލީ ގުޅުންތައް ކެނޑެމުން މިދަނީ ކީއްވެގެންކަމާއިމެދު އެންމެ ފަހަރަކުވެސް ވިސްނާލަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދެމަފިރިން ވަކިވެ ޢާއިލީ ގުޅުންތައް ކެނޑެމުން މިދަނީ ކީއްވެގެންކަމާއިމެދު އެންމެ ފަހަރަކުވެސް ވިސްނާލަމުތަ؟

މާފުކުރަން ބޭނުންވާ މީހުން މަދުވެ އެކަމުގެ ސަބަބުން ދެމަފަރިންގެ މެދުގައިޖެހޭ ކުދިކުދި މައްސަލަތައް ޙައްލުނުކުރެވި ވަރި ގިނަވެއްޖެއެވެ. ޢާއިލީ ގުޅުން ދަނީ ކެނޑެމުންނެވެ. ވީމާ އެކަން އޮތްގޮތުގެ ވާހަކަ ދައްކަން އެބަޖެހެއެވެ.  

މިހެން މިވަނީ ކިރިޔާ ކަމެއްވާއިރަށް ބަދަލުހިފަން ބޭނުންވާ މީހުން ގިނަވާތީއެވެ! ވަކިމީހަކަށް ބެލުމެއް ނެތި ކޮންމެ މީހެއްގެ ކިބައިންވެސް ބަދަލުހިފަން ބޭނުންވެވޭތީއެވެ. މިއީ އެންމެ ނުބައި އެއް ސިފައެވެ.  

މީހެއްގެ ކިބައިން އަނިޔާ ލިބިއްޖެ ނަމަ އަދި ގެއްލުމެއް ލިބުނު ނަމަވެސް އަމަލު ކުރެވިދާނެ 3 ގޮތެއް އެބައޮތެވެ. ފުރަތަމަ ކަމަކީ އޭނާ ކުރި އަނިޔާގެ ބަދަލު މިދުނިޔޭގައިވެސް ދެއްވެވުން އެދި ދުޢާ ކުރުމެވެ. ދެވަނަ ގޮތަކީ އާޚިރަތް ދުވަހު އަނިޔާގެ ބަދަލު ހޯދަން ކެތެރިވުމެވެ.  

3 ވަނަ ގޮތަކީ އެންމެ ފައިދާހުރި ގޮތެވެ. އެންމެ ފަސޭހައިން ކުރެވޭނެ ކަންތަކެވެ. ނަމަވެސް އެންމެ ގިނަ ބައަކު ފަސް ޖެހެނީ އެކަން ކުރުމަށެވެ. އެއީ އަނިޔާކުރި މިހާއަށް މާފުކުރުމެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވެނީ މާފުކުރުމުން ދެން އެކަމުގެ ސަބަބުން އެމީހާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އެހިސާބުން އެކަން އެ ނިމުނީ ކަމަށެވެ.

ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. މާފު ނުކޮށް ޤިޔާމަތް ދުވަހު ބަދަލު ހިފަން މަޑުކުރުމުން ލިބޭނެ ފައިދާއަށްވުރެ މާފުކުރުމުން ލިބޭނެ ފައިދާ މާބޮޑެވެ. އެހެނީ މާފުކުރުމުން އެމީހަކަށް އެކަމުގެ ސަވާބު ދެއްވަވާނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ދެއްވަވާނެ ސަވާބުގެ އަދަދު އެއީ ގުނައި ހިސާބު ޖެހޭނެ އަދަދެއް ނޫނެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެމީހަކަށް އެކަން އެނގިގެންދާނީ ޤިޔާމަތް ދުވަހުއެވެ.  

ގިނަ މީހުން މާފު ނުކުރަނީ، އަދި ބަދަލު ހިފަން ބޭނުންވަނީ މިދުނިޔެއަކީ މާބޮޑު ތަނެއް ކަމަށް ހަދައި ދުނިޔޭގައި އަނެކާއަށްވުރެ މޮޅުވުމަށެވެ. ވިސްނައިލާށެވެ. ދުނިޔެއަކީ ކޮން އެއްޗެއް ހެއްޔެވެ؟ އެއްވެސް އެއްޗެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔޭގެ އެއްވެސް އަގެއް ނެތެވެ. އެހެންކަމަށްވާއިރު އަހަރެމެންގެ ކުރިމަތީގައި ދުނިޔޭގެ އަގު އެހައި ބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟  

އަދިވެސް ވިސްނައިލާށެވެ! ރައީސަކު ނުވަތަ ރަސްކަލަކު ތިބާ ގާތު މީހަކަށް މާފުކުރާށޭ އެކަމަށް ތިމަންނާ އިނާމު ދޭނަމޭ ބުނެފިނަމަ ލިބޭނެ އިނާމުގެ ދަހިވެތިކަމުގައި މާފު ނުކުރާނީ ކާކުހެއްޔެވެ؟ އެއިގެ ބަދަލުގައި އަނިޔާކުރި މީހާއަށް މާފުކުރުމުން އެކަމަށް ސަވާބު ދެއްވަވާނެކަން ވަހީ ކުރައްވަވާފައި އެވަނީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ ﷲ ތަޢާލާއެވެ! އެކަލާނގެ ދެއްވަވާނެ "އިނާމު" (ސަވާބު)ގެ މިންވަރު ވަޒަން ކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ ވީއިރު މާފުކުރަން ތިއަ ފަސް ޖެހެނީ ކީއްވެގެން ހެއްޔެވެ؟  

މީސްތަކުންނޭވެ! ޢާއިލީ ކަންކަމުގައިވެސް މާފުކުރާށެވެ! ޒަވާޖީ ޙަޔާތުގެ ކަންކަމުގައިވެސް މާފުކުރުމަށް އަވަސްވެގަންނާށެވެ! އުފާވެރިކަމާއި ހަމަޖެހުން ލިބޭނީ އެއިރުންނެވެ. ބަދަލު ހިފުމުގެ ރޫޙޫގައި ކަންކަން ކުރުމުން ލިބޭނީ އިތުރު އަނިޔާތަކެވެ. މިދުނިޔޭގައި ކެތްތެރިވެލާށެވެ! މާފުކޮށްލާށެވެ! އެކަމުގެ ސަވާބާއި ދަރަޖަ އާޚިރަތުން އެދޭށެވެ! ނަޞީބުވެރިންނަކީ އެއީ އެވެ.

 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން