ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް ޖުމްލަ 318 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ހާމަކުރެއްވި ގޮތުގައި، މި ސްކޮލަރޝިޕްތަކަކީ ސައުދީގެ އެކި ޔުނިވަރސިޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ޖުމްލަ 11 މުހިއްމު ދާއިރާއަކުންނެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ދިވެހި ދަރިވަރުންނަށް ސައުދީ އަރަބިއްޔާގައި ހުރެ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ސައުދީ ސަރުކާރުން ވަނީ ރާއްޖޭގައި ހުންނަ ސައުދީ އިމާން ޔުނިވަރސިޓީގައިވެސް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ ދިވެހި ދަރިވަރުންނަށް ތަޢުލީމީ ގޮތުން އިތުރު ފުޅާ ދޮރުތަކެއް ހުޅުވައިދޭނެ މުހިއްމު ފިޔަވަޅެކެވެ.
318 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތަފާތު އެތައް މުހިއްމު ދާއިރާއެއް ހިމެނެއެވެ. އެއީ ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، ލޯ ސައިންސް، އެޑިއުކޭޝަނަލް ސްޕެޝަލިޓީސް، ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް، އިންޖީނިއަރިން މޭޖާ، އިސްލާމިކް ފީލްޑް ސްޓަޑީޒް، އަދި އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސައުދީގެ ތަޢުލީމާބެހޭ ވުޒާރާގެ ޕޯޓަލް ކަމަށްވާ studyinsaudi.moe.gov.sa މެދުވެރިކޮށެވެ. ޝައުޤުވެރިވާ ދިވެހި ދަރިވަރުންނަށް މި ޕޯޓަލް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯދުމުގެ ފުރުސަތު އަދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.