މަޙްމޫދު ރިޔާޒްގެ ވަޒީފާ އިއާދަކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަޙްމޫދު ރިޔާޒްގެ ވަޒީފާ އިއާދަކުރައްވައިފި

ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެދިގެން ވަޒީފާއިން ވަކިކުރައްވާފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުގައި ހުންނެވި މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިޢާދަކުރައްވައިފިއެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަޙްޤީޤަކާ ގުޅިގެން މަޤާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ މައްސަލަ، އަލުން ބެލުމަށްފަހު މި ނިންމުން ނިންމާފައިވާ ކަމަށެވެ.

ތަރުޖަމާން ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިޢާދަކުރައްވާފައެވެ.

މަޙްމޫދު ރިޔާޒް ވަޒީފާއިން ވަކިކުރެއްވީ، ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިގިރެޓު ގެއްލުނު މައްސަލައެއްގައި ކަސްޓަމްސްގެ އިސް ބައެއް ބޭފުޅުންގެ އިހުމާލު ހުރިކަމަށް ކޮމިޓީގެ ތަޙްޤީޤަށް ފާހަގަވުމާ ގުޅިގެންނެވެ. ނަމަވެސް، އިތުރަށް ބެލި ބެލުމުން އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ކޮމިޓީން ނިންމުމާއެކު، އޭނާގެ ވަޒީފާ އަލުން އިއާދަވީއެވެ.

މިއަދު އޮންލައިން