މިސްކިތަށް ދިއުމުގެ މަތިވެރިކަމާ ލިބެންހުރި ޘަވާބު އެނގޭނަމަ ހުރިހާ ފިރިހެނުން މިސްކިތަށް ދާނެ!:- ޝައިޚް މުޙައްމަދު ބާޖޫރް

ކިޔުމަށް ހޭދަވާނީ 3މ 7ސ
މިސްކިތަށް ދިއުމުގެ މަތިވެރިކަމާ ލިބެންހުރި ޘަވާބު އެނގޭނަމަ ހުރިހާ ފިރިހެނުން މިސްކިތަށް ދާނެ!:- ޝައިޚް މުޙައްމަދު ބާޖޫރް

ޢާއިޝަތު ރަފާޙް ޢަލީ

 

މިސްކިތަށް ދިއުމުގެ މަތިވެރިކަން: 

ފަރުޟު ނަމާދަށް މިސްކިތަށްދާ މީހާ ވަނީ ﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. ޖަމާޢަތުގައި ނަމާދުކުރުމުން 27 ގުނަ އިތުރު ޘަވާބު ލިބެއެވެ. 

ރޭގަނޑު މިސްކިތަށް ދިއުމުގެ މަތިވެރިކަން ޤިޔާމަތް ދުވަހު ފާޅުވެގެންދާނެއެވެ. 

ފާފަ ފުއްސެވުމާއި ދަރަޖަ މަތިވެރިވުމުގެ އަމަލުތައް: 

އުނދަގޫ ވަގުތުތަކުގައި ވުޟޫ ރަނގަޅަށް ކުރުން.

މިސްކިތަށް ގިނަ ފިޔަވަޅު އެޅުން.

ނަމާދު ނިމުމަށްފަހު ދެން އަންނަ ނަމާދަށް އިންތިޒާރުކުރުން. 

މި ޢަމަލުތަކަކީ ފަސޭހައިން ކުރެވޭނެ ކަންތައްތަކެވެ. ނަމަވެސް، މީގެ އަޖުރާއި ޘަވާބު ވަރަށް ބޮޑެވެ. އަޅުގަނޑުމެން އެންމެން މިފަދަ ހެޔޮ ޢަމަލުތައް ދިރުވައި، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ތަޠްބީޤުކުރުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ. މިގޮތުން، އަޅުގަނޑުމެންގެ ގޭބިސީތަކަށް ބަރަކާތް ލިބި، އަޅުގަނޑުމެންގެ ދަރަޖަތައް މަތިވެރިވެ، ﷲގެ ރުއްސެވުން ލިބިގަނެވޭނެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. 

مَن تطهَّر في بيتِه ثمَّ مشى إلى بيتٍ مِن بيوتِ اللهِ ليقضيَ فريضةً مِن فرائضِ اللهِ كان خُطوتاه: إحداهما تحُطُّ خطيئةً والأخرى ترفَعُ درجةً

މި ޙަދީޘްގައި ބަޔާންކުރައްވާފައިވާ ފަދައިން، މިސްކިތަށް ދާ މީހާއަށް ލިބޭ މަތިވެރި ދަރަޖައާއި ޘަވާބު ވަރަށް ބޮޑެވެ. އެ މީހަކު މިސްކިތަށް ދާ ވަގުތު، އޭނާ ވަނީ މާތްﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. އަދި އޭނާ ދިރިހުރެ އަނބުރާ އަތުވެއްޖެނަމަ، މި ޘަވާބު ލިބޭނެއެވެ. އަދި މިސްކިތުގައި ނުވަތަ މިސްކިތަށް ދާ މަގުމަތީގައި މަރުވެއްޖެނަމަ، އިރާދަކުރެއްވިއްޔާ ސުވަރުގެ ވަންނާނެއެވެ. މިއީ މި ޙަދީޘްގައި ވާރިދުވެފައިވާ ވަޢުދެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

ومن خرج في سبيل الله فهو ضامن على الله

މާނައީ: (އަދި ﷲގެ މަގުގައި ނުކުންނަ މީހާ، އޭނާ ވާނީ ﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ.)

ދެން "ފީ ސަބީލިއްލާހި" މި ޢިބާރާތުގެ މާނައަށް ބަލާއިރު، ޢާންމު ގޮތެއްގައި ޤުރުއާނާއި ސުންނަތުގައި މި ޢިބާރާތް ބޭނުންކުރެވިފައިވަނީ ﷲގެ މަގުގައި ކުރާ ޖިހާދަށެވެ. ނަމަވެސް، މި ޢިބާރާތުގެ މާނަ ހަމައެކަނި ޖިހާދަށް ޚާއްޞަވެގެންވާކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ "ފީ ސަބީލިއްލާހި" އަކީ ﷲގެ މަގުގައި ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ޝާމިލުވާ ޢިބާރާތެކެވެ. 

މިސާލަކަށް، ރަސޫލުﷲ ޙަދީޘްކުރައްވާފައިވާ ޙަދީޠެއްގެ މާނައިގައިވެއެވެ.: "ޢިލްމު އުނގެނުމަށް މަގެއްގައި ހިނގައްޖެ މީހާއަށް، އެކަމުގެ ސަބަބުން ﷲ ސުވަރުގޭގެ މަގެއް ފަސޭހަކޮށްދެއްވައެވެ." މި ޙަދީޘުން އެނގޭ ގޮތުގައި ޢިލްމު އުނގެނުމަށް ދިޔުމަކީވެސް ﷲގެ މަގުގައި ކުރާ ޢަމަލެކެވެ. 

އެހެންކަމުން، "ފީ ސަބީލިއްލާހި" މި ޢިބާރާތުގެ މާނައިގައި ހިމެނެނީ ﷲގެ ރުއްސެވުން ހޯދުމަށްޓަކައި ކުރާ ހުރިހާ ހެޔޮ ޢަމަލުތަކެވެ. މީގެ ތެރޭގައި ޖިހާދު، ޢިލްމު އުނގެނުން، ޞަދަޤާތްދިނުން، މިސްކިތަށް ދިޔުން، އަދި އެހެނިހެން ހެޔޮ ޢަމަލުތައް ހިމެނެއެވެ. މުހިންމީ އިޚްލާޞްތެރިކަމާއެކު ﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އެ ޢަމަލެއް ކުރުމެވެ.

މިއަދު އޮންލައިން