ތިބާގެ ދުނިޔަވީ ޙަޔާތް ކާމިޔާބުކުރަން އެދޭނަމަވެސް ފުރަތަމަ ކަމަކަށް ނަމާދުތަކަށް ރައްކައުތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިބާގެ ދުނިޔަވީ ޙަޔާތް ކާމިޔާބުކުރަން އެދޭނަމަވެސް ފުރަތަމަ ކަމަކަށް ނަމާދުތަކަށް ރައްކައުތެރިވާށެވެ!

އަހުރެމެން ކޮންމެ މީހަކީވެސް އެމީހެއްގެ އާޚިރަތުގެ އިތުރުން ދުނިޔަވީ ޙަޔާތްވެސް ކާމިޔާބުކުރަން ބޭނުންވާނެ މީހެކެވެ. މާނައަކީ ދުނިޔޭގައި އުފަލުގައި އުޅެން ބޭނުންވާނެ މީހެކެވެ. އެހެންކަމުން ފުރަތަމަ ކަމަކަށްވެސް ކުރަން އޮތްކަމަކީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމާއިއެކު ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމެވެ.  

ޤަވާޢިދުކޮށް ނަމާދުކުރުމަކީ ނުވަތަ ނަމާދު ޤާއިމުކުރުމަކީ ކުރަން އެންމެ ފައިދާހުރި ކަންތައް ކަމުގައި ވެގެންދާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި، ފާފަކުރަން ބިރުވެތިވެ ފާފަނުކުރަން މަސައްކަތްކުރެވުންވެސް ހިމެނެއެވެ. މިއީ ކޮންމެ މީހެއްގެ އާޚިރަތަށްވެސް އެންމެ ފައިދާކުރާނެ އެއްކަންތަކެވެ. 

މީހާގެ ރޫޙަށް ބޭނުންވާ ކާނާލިބި ނަފްސަށް ހިތްހަމަޖެހުން ލިބުންވެސް ހިމެނެއެވެ. ރިވެތި އަޚްލާޤްގެމަތީގައި ދިރިއުޅެން މަގުފަހިވުންވެސް ހިމެނެއެވެ. އަދި ހާސްކަމާއި ކަންބޮޑުވުންތަކުން ސަލާމަތްވެވިގެން ހުރުންވެސް ހިމެނެއެވެ.  

މި 3 ކަންތަކަކީވެސް މީހާއަށް އެންމެ ފައިދާކުރާނެ ކަންކަމެވެ. ބޭރުފުށުން ކިތަންމެ ބޮޑު މުއްސަނދިކަމެއްގައި ދިރިއުޅުނަސް ރީޙަށް ހިތްހަމަޖެހުން ނުލިބޭނަމަ އެމީޙަކަށް ހުރެވޭނީ އުފާވެރިކަމެއް ނެތިއެވެ. އެމީހެއްގެ ކިބައި ރިވެތި އަޚްލާޤީ ސިފަތައް ނެތްނަމަ މީސްތަކުންގެ ލޯތްބެއް ނުލިބޭނެއެވެ. އަމިއްލަ ޢާއިލާއިންވެސް ލޯތްބެއް ނުލިބޭނެއެވެ.  

ހާސްކަމާއި ކަންބޮޑުވުންތަކުގައި އުޅެންޖެހޭ މީހަކަށް އެއްވެސް ކަމެއް ކުރަންވާ ގޮތަށް ރަނގަޅަށް ކުރަން ހުރަސްތަކެއް ހުންނާނެއެވެ. ތިމާއަށް އެންމެ ފައިދާހުރިގޮތާއިމެދު ވިސްނައި އެންމެ ފައިދާހުރި ގޮތަށް ކަންތައްތައް ކުރަންވެސް ހުރަސްތަކެއް ކުރިމަތިވާނެއެވެ.  

ކިތަންމެ ބޮޑު ތަކްލީފެއް އުފުލަންޖެހިފައިވީނަމަވެސް، ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނަސް ނަމާދު ނުއަޅައި ނަމާދު ޤާއިމުކުރާ މީހަކަށްވާން ބުންނަންޖެހެނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ދުނިޔަވީ ދިރިއުޅުމުގައި ފައިދާކުރާނެ ކަންތައްތަކެއް ހުރުމުންނެވެ. މިބުނެލި 4 ކަންތަކުންވެސް އެކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން