ތަނަވަސްކަން ނެތީމަ ކައިވެނިކުރަން ދެކޮޅުހަދާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ތަނަވަސްކަން ނެތީމަ ކައިވެނިކުރަން ދެކޮޅުހަދާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

ލިޔުމުގައިވާ ޙާދިސާގެ ވާހަކަ މިގެނެސްދެނީ ތަނަވަސްކަން ކުޑަ މީހަކާ ކައިވެނިނުކުރަން ތިބެންހަދައިގެން ޢުމުރުން ބޮޑުބައެއް ގެއްލިގެންދާ އަދި ޢުމުރުމަތިވެ ވަރަށް ދެރަގޮތްތައް މެދުވެރިވާ އަންހެނުންގެ ވާހަކަ ކިޔުންތެރިން ހާމަކުރާތީ ފިލާވަޅެއްގެ ގޮތުންނެވެ.  

ޝާޒްލީ އަކީ ތަނަވަސް ޢާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކީ ވަރަށް ތަނަވަސް ފިރިހެނަކާއި ކައިވެނިކުރުމެވެ. އެއުންމީދުގައި ހުއްޓާ އޭނާއާއި ކައިވެނިކުރަން ކުރިމަތިލީ ޒުވާނާއަކީ ވަރަށް ފަޤީރު ޒުވާނެކެވެ. ވަރަށް ކުޑަ މުސާރައެއް ލިބޭ ޒުވާނެކެވެ.  

އޭނާއަށް ޝާޒްލީ ދިން ޖަވާބަކީ "ކަލޭގެ 1 މަސް ދުވަހުގެ މުސާރައަކީ އަހަރެންގެ 1 ދުވަހުގެ ޚަރަދަށްވެސް ފުދޭނެ ޢަދަދެއް ނޫނެވެ. އަހަރެންގެ ބަދަލުގައި ކަލޭގެ ފެންވަރުން އަންހެނަކު ހޯދާށެވެ!"  

އެއިގެ 10 އަހަރުފަހެވެ. އިއްތިފާޤަކުން ޝޮޕިންގ މޯލަކުން ދެމީހުން ބައްދުލުވުމުން ފުރަތަމަވެސް ޝާޒްލީ ބުނީ އޭނާ ކައިވެނިކޮށްފިން ކަމަށާއި ފިރިމީހާއަށް މަހަކު މިހައި ގިނަ ޑޮލަރު ލިބޭ ކަމަށެވެ. އަދި އެވަރު ކަލެއަށް ހޯދިދޭނެތޯވެސް ސުވާލުކުރިއެވެ.  

އޭނާ ޖަވާބެއް ނުދެއެވެ. ލޮލުން ފެން އައިސްފައި ބަލަހައްޓައިގެން ހުރީއެވެ.  

އެވަގުތު ޝާޒްލީގެ ފިރިމީހާ އައިސް ވަރަށް އަދަބުވެރިގޮތަކަށް ފިރިހެން މީހާއާއި ސަލާމްކުރުމަށްފަހު "ބޮސް! މިތާކުރައްވަނީ ކީއްތޯ؟" ސުވާލުކުރުމުން ޝާޒްލީ ދިއައީ ސިއްސައިގެން ނެވެ. އެވަގުތު "ހަމަބަލައިލަނީ" ކަމަށްބުނެފައި އޭނާ ދިއުމުން ފިރިމީހާ ކިޔައިދިނެވެ. 

"އެއީ އަހަރެންގެ ބޮސްއެވެ. އަހަރެން މިހާރު މަސައްކަތްކުރާ 100 މިލިއަން ޑޮލަރުގެ މަޝްރޫޢަކީ އޭނާގެ މަޝްރޫޢެކެވެ. އަހަރެން މިއަދާކުރަނީ އޭނާގެ ވަޒީފާއެވެ." އެހެން ބުނެފައި ދެމަފިރިން އެކުގައި ގޮސް ކޮފީއެއް ބޯން އިށީނދެފައި ފިރިމީހާ ކިޔައިދިނެވެ.  

"އަހަރެންގެ ބޮސްއަކީ ވަރަށް މަޑުމައިތިރި މީހެކެވެ. މާގިނަ ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް ކުންފުނީގެ ހުރިހާ މުވައްޒިފުންނަށް ވަރަށް ހެޔޮވާނެއެވެ. ފަޤީރުންނަށް އެހީތެރިވާނެއެވެ. އެހެންވެ އޭނާގެ ވިޔަފާރިދަނީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. މިހާރު އޭނާއަކީ ފާހަގަކޮށްލެވޭ މަލްޓި މިލިއަނަރެކެވެ. 

އަދިވެސް އޭނާ ކައިވެންޏެއް ނުކުރެއެވެ. އޭނާ އެންމެ ލޯބިވެގެން ލޯބި ހުށަހެޅި އަންހެން މީހާ އޭނާ އާއި ކައިވެނި ނުކުރީ އެއިރު އޭނާ ފަޤީރުކަމުންނެވެ. ތަނަވަސްކަން ލިބޭތޯ އެހައިބޮޑަށް އޭނާ މަސައްކަތްކުރީ އެ ސަބަބަށްޓަކައެވެ. ބޮސް އަދިވެސް އެހުންނަނީ އެއަންހެން މީހާގެ ހަނދާނުގައެވެ. އަޅެ އެއަންހެން މީހާ ބޮސް އާއި ކައިވެނިކުރިނަމަ މިއަދު ކިހާ މުއްސަނދި އަންހެނަކަށްވީސް ހެއްޔެވެ؟"  

ދޭނެ ޖަވާބެއް ޝާޒްލީ އަތަކު ނެތެވެ. ނުވަތަ ޖަވާބެއް ނުދެވުނެވެ. އެއަންހެނަކީ ތިމާކަމަށް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ މަޑުމަޑުން އިނީއެވެ.  

އެއިގެ 2،3 ދުވަސް ފަހުން ބޮސް އާއި ބައްދަލުވުމުން މުވައްޒިފަށް ނަޞޭޙަތެއް ދިނެވެ. "ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިވެގެން ބޮޑެތި ޚަރަދުތައްކުރާ އަނބިންނާއިއެކު ދިރިއުޅޭއިރު ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ލިބޭ މުސާރައެކުގައި އަނބިމިހާގެ އަތްމައްޗަށް ދޫކޮށްލާކަށް ނުވާނެއެވެ. ބައެއް ރައްކާކުރަންވާނެއެވެ. ކަމެއް ދިމާވެގެން ލިބޭ އާމްދަނީ މަދުވާދުވަހު ވަކިވާނެއެވެ. އެއިރު އަތުގައި އެއްވެސް ފައިސާއެއް ނެތްނަމަ ކުރިހާ މަސައްކަތެއް ބޭކާރުވީއެވެ. މަގުމަތިވެސްވާނެއެވެ."  

ބޮސްގެ މިނަޞޭޙަތާއި ގުޅިގެން ކަލީމްގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އޭނާގެ އަނބިމީހާގެ ސިފަތައް ބޮސްއަށް އެނގުނީ ކީއްވެގެން ހެއްޔެވެ؟ 

ކަލީމް އެދުވަހު ގެއަށް ގޮސް އަނބިމީހާއަށް މިވާހަކަތައް ކިޔައިދިނެވެ. އަދި ބޮސް ކުއްލިއަކަށް މިފަދަ ނަޞޭހަތެއް ދިން ސަބަބު ނުއެނގޭކަމަށް ބުނުމުން ޝާޒްލީއަކަށް ކެތެއް ނުކުރެވުނެވެ. ދެމީހުންގެ ވާހަކަ ކިޔައިދިނެވެ. އަދި ބޮސް އެ އިންތިޒާރުކުރަނީ އޭނާއަށް ކަމަށްވެސް ބުންޏެވެ.  

ކަލީމް އަޅައެއް ނުލައެވެ. ނަމަވެސް ބޮސް ބުނިގޮތަށް ކަންތައްކުރަން ފެށިއެވެ. ލިބޭ މުސާރަ އެކުގައި އަނބިމީހާ އާއި ޙަވާލުނުކޮށް ބައެއް ރައްކާކުރަން ފެށިއެވެ. ނަތީޖާއަކަށްވީ އަނބިމީހާ ވަރިވުމެވެ.  

ކައިވެނި ރޫޅުމުން "ބޮސް"ގެ ނަންބަރު ހޯދައިގެން ގުޅައި ވަރިވެއްޖައިން ކަމަށާއި ވަރިވީ ދެމީހުން ކައިވެނިކުރަން ކަމަށްވެސް ބުންޏެވެ.  

ބޮސްގެ ޖަވާބަކަށްވީ "އަހަރެން ފަޤީރަކަށް ހުއްޓައި އަހަރެން ދެކެ ލޯބިވީ އަންހެނަކާ އަންނަ ހަފްތާގައި ކައިވެނިކުރަން މިހާރު ވަނީ ހަމަޖެހިފައެވެ. އިންސާނުން އިންސާނުންދެކެވާލޯބީގެ އަގު ފައިސާއިން މިނެކިރާ މީހަކަށް ދުވަހަކުވެސް އުފާވެރި ޙަޔާތެއް ނުލިބޭނެއެވެ. އެފަދަ އަންހެނަކާ ކައިވެނިކޮށްގެން ލިބޭނެ އުފަލެއްވެސް ނުއޮންނާނެއެވެ. އެފަދަ މީހުން އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވާނެއެވެ. ލޯބިވާނީ ފައިސާދެކެއެވެ. ކައިވެނި ކުރެވުނީމާ އަނބިމީހާ ނަންބަރުދޭނަމެވެ. ދަތިޙާލެއް ޖެހިއްޖެނަމަ އޭނާއަށް ގުޅާށެވެ! ދެން ބާއްވަނީއެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ހަދިޔާއަކަށްވާނެކަމަށް އުންމީދުކުރަމެވެ.

މިއަދު އޮންލައިން