ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތަކެވެ. މިގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުމާއި މިފަދަ މުހިންމުކަންކަންކަން ބަޔާންވެފައި ހުރެއެވެ.
މި އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
މިކަމާގުޅިގެން ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ޤައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ޤައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުޞަތު ހޯދަން މިއަދު ވަނީ މަޝްވަރާ ކުރެވިފައި ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.