މި އަހަރުގެ ތެރޭގައި 6.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މި އަހަރުގެ ތެރޭގައި 6.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތެރޭގައި 6.5 ބިލިއަން ރުފިޔާގެ އަލަށް ލޯނު ދޫކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ.

މި އަދަދު ހާމަކޮށްފައިވަނީ، ސަރުކާރުގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުގެ ބޯޑުގެ ހުއްދަ ނެތި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް ދޮގުކުރުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.

ބީއެމްއެލްއިން ވިދާޅުވީ މި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 23.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެކަނި 6.5 ބިލިއަން ރުފިޔާގެ ލޯނު އަލަށް ދޫކޮށްފައިވާ ކަމަށް ބޭންކުން ފާހަގަކުރިއެވެ.

ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ތަފްސީލު ހާމަކުރަމުން، ބީއެމްއެލްއިން ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށެވެ. ޓޫރިޒަމް ދާއިރާއަށް 8.71 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އަމިއްލަ ފަރުދުންނަށް 5.34 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

މީގެ އިތުރުން އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް 5.09 ބިލިއަން ރުފިޔާ، ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް 2.40 ބިލިއަން ރުފިޔާ އަދި ވިޔަފާރިތަކަށް 1.04 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބޭންކުން ބުނެއެވެ. އެހެނިހެން ދާއިރާތަކަށް 1.11 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ބީއެމްއެލްއިން ވިދާޅުވީ މި އަދަދުތަކުން ހާމަވަނީ ބޭންކުގެ ރިސްކް ތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން އެކި ދާއިރާތަކަށް ލޯނު ދޫކުރަމުންދާކަން ކަމަށާއި، ބޭންކުގެ ލޯނު ދިނުމުގެ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިއަދު އޮންލައިން