ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހުރި ބޭންކުކަމަށް ވާއިރު، އެ ބޭންކުގެ ހިންގުމާއި މާލީ މުޢާމަލާތްތައް ބިނާވެފައިވަނީ ބައިނަލްއަޤުވާމީ އެންމެ މަތީ މިންގަނޑުތަކާއި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށެވެ. ވަކި ފަރާތަކަށް ނުވަތަ ވަކި މަޝްރޫޢުތަކަށް ލޯނު ދޫކުރުމުގައި ބޭންކުން ޢަމަލުކުރާ އުޞޫލުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެމުން، ބީއެމްއެލް އިން އަބަދުވެސް ބުނަމުންދަނީ، ކޮންމެ ފަރާތަކަށް ލޯނު ދޫކުރި ނަމަވެސް، އެކަން ކުރާނީ ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ.
ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބިނާވެފައިވާ ހިންގުން
ބީއެމްއެލްގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގައެވެ. ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން މިކަން ހާމަވެގެންދެއެވެ. ބޭންކުން ޢަމަލުކުރަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކަށެވެ. ބޭންކުގެ އޮނިގަނޑުތައް ޤާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް، އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑްތަކުގެ އިތުރުން ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތަކަށެވެ. މީގެ އިތުރުން، ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ އޮޑިޓް ފަރމްތަކުން ގަވައިދުން ބޭންކު އޮޑިޓްކުރަމުންދެއެވެ.
ލޯނު ދޫކުރުމުގެ ހަރުދަނާ އުޞޫލުތައް
ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓްރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ. ލޯނު ދޫކުރުމުގެ ކުރިން ބަލާ މުހިންމު ކަންތައްތަކުގެ ތެރޭގައި ލޯނު ދެއްކުމުގެ ޤާބިލުކަން ހުރި މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ ހިމެނެއެވެ. ބޭންކުން އަބަދުވެސް ބަލަނީ، ލޯނު ނަގާ ފަރާތަށް އެ ލޯނު އަނބުރާ ދެއްކުމުގެ ޤާބިލުކަން ލިބިގެންވަނީ ކިހާވަރަކަށްތޯއެވެ. ލޯނު ދޭނީ އަބަދުވެސް އަންޑަރ ރައިޓިންގ އުޞޫލާ އެއްގޮތަށެވެ. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އަސާސީ އުޞޫލެވެ.
ލޯނު ޕޯޓްފޯލިއޯގެ ތަފާސްހިސާބުތައް
މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ. ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ޖުމްލަ ލޯނުތަކުގެ އަދަދުތައް ތިރީގައި މިވަނީއެވެ:
- ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
- އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
- ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
- ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
- ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
- އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
މިއަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންނެވެ.
ސަރުކާރުގެ މަޝްރޫޢުތަކާއި ލޯނު ދޫކުރުން
ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ، ބޭންކުން މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުޞަތު އެ ފަރާތްތަކަށް ވެސް އޮންނާނެއެވެ. ނަމަވެސް، ވިޔަފާރީގެ އުޞޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ފުރިހަމައަށް ބަލާނެއެވެ.
މީގެ އިތުރުން، އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަނޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރެންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެއެވެ. އަދި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ވެސް ވަނީ ކަނޑައެޅިފައެވެ.
ނިންމުންތައް ނިންމުމުގެ އޮނިގަނޑު
ބޭންކުގެ އުޞޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން، ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯވެއެވެ. ލޯނު ދޫކުރުމުގެ އެންމެހާ ކަންކަން ހިނގަމުންދަނީ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި، ބޭންކުގެ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ސްޓްރަކްޗަރޑްކޮށެވެ. މިއީ ބޭންކުގެ މާލީ ސަލާމަތާއި، ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް ޔަޤީންކަން ދެނީ، އެ ބޭންކުން ދޫކުރާ ކޮންމެ ލޯނަކީ ވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ރާއްޖޭގެ ޤާނޫނުތަކާއި، ބޭންކުގެ ހަރުދަނާ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށެވެ. އެއްވެސް ފަރާތަކަށް ނުވަތަ މަޝްރޫޢަކަށް ޚާއްޞަ އިނާޔަތެއް ދިނުމެއް ނޯންނާނެއެވެ. ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ ބޮޑުކަމުން ވެސް ހާމަވަނީ، ބޭންކުން ޢަމަލުކުރަނީ ހަމަހަމަ އުޞޫލުތަކެއްގެ މަތިން ކަމެވެ. ބީއެމްއެލްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ އިޤްތިޞާދަށް އެހީތެރިވުމާއެކު، ބޭންކުގެ މާލީ ސަލާމަތް ދެމެހެއްޓުމެވެ.