ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ގައްދޫގައި 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ ބޮޑު މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ނިންމުމަށް 101.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، އެމްޓީސީސީއާ ހަވާލުކުރެވުނު މި މަސައްކަތް 600 ދުވަސްތެރޭ ނިންމަން ޖެހެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއިރު، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން، 18,613 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދުގެ ޖާގައިގެ 4 ފަންގިފިލާގެ މައި ޢިމާރާތް ބިނާކުރާނެއެވެ. މީގެ އިތުރުން، 2,563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ ސަރވިސް ބްލޮކެއް އަދި 3,573 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމަޑޭޝަން ބްލޮކެއްވެސް އިމާރާތްކުރުމަށް ވަނީ ހިމަނާފައެވެ.

ގދ. ގައްދޫގައި ދިރިއުޅޭ 3,600 މީހުންގެ އާބާދީއަށް ބަލާއިރު، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މި ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއިއެކު، ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއިއެކު ނިންމައިފައެވެ. އެމްޓީސީސީއަކީ މިހާރު ދިވެހި ރައްޔިތުންގެ ޢާންމު ދަތުރުފަތުރުގެ އެންމެ މުހިންމު ބައިވެރިޔާވެސް މެއެވެ.

މިއަދު އޮންލައިން