ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ ލެބޯރޓްރީ (ނޭޝަނަލް ހެލްތު ލެބޯރޓްރީ) ތަރައްޤީކުރުމުގެ މަސައްކަތުގެ މުހިންމު ފިޔަވަހިއެއްގެ ގޮތުން، ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޑިޒައިންކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވައިޒް ކުރުމުގެ މަސައްކަތް ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޖައިޓެކް ކޮންސަލްޓިންގ ގްރޫޕާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،230،160.64 ޑޮލަރު (18.9 މިލިޔަން ރުފިޔާ) އަށެވެ. ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ލެބޯޓަރީއަކީ ބަޔޯސޭފްޓީގެ ލެވެލް 3ގެ މިންގަނޑުތަކަށް ތަރައްޤީކުރެވޭ އެޑްވާންސް ފެންވަރުގެ މަރުކަޒެކެވެ.
މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮންއެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވާ އަގަކީ 18.9 މިލިޔަން ރުފިޔާއެވެ.
މަސައްކަތުގެ ތާވަލަށް ބަލާއިރު، ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، ޑިޒައިންގެ މަސައްކަތް 145 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ ޑޮކިއުމެންޓްސް ތައްޔާރުކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވަވިޝަން މަސައްކަތް ކުރިޔަށްގެންދިއުމަށްފަހު، ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމެންދެން މަސައްކަތް ބެލެހެއްޓުމަށްވެސް މި ކުންފުންޏާ ވަނީ ހަވާޅުކޮށްފައެވެ.
ސިއްޙީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މިހާރު ޤައުމީ ޞިއްޙީ ލެބޯރޓަރީ ހިންގަމުން ދަނީ ވުޒާރާ ހިންގާ އިމާރާތުގައި ކަމަށްވާއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރެއެވެ. މި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ދިވެހި ސަރުކާރުން ފަންޑުކުރާ މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި 12 ފަންގިފިލާއަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި ލެބޯޓަރީ ޤާއިމުކުރެވޭނެއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ލެބޯޓަރީގައި ވައިރޮލޮޖީ ރިސްކް ލެވެލް 2 އާއި 3 ވައިރަސްތައް ތަޙްލީލުކުރުމުގެ އިންތިޒާމުތައް ޤާއިމުކުރެވޭނެއެވެ. އަދި ބެކްޓީރިއޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ ތަޙްލީލުތަކާއި، މިހާރު ދެވޭ ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާކުރެވޭނެއެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ؛ ފުރަތަމަ ފިޔަވަހީގައި ފީސިބިލިޓީ ދިރާސާތަކާއި ޑިޒައިންގެ މަސައްކަތް ނިންމާ، އަންނަ އަހަރު ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމާއި އިކުއިޕްކުރުމުގެ މަސައްކަތް ފެށޭނެއެވެ.