ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ހުރުމަކީ ސިއްޙީ ޚިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކޮންމެވެސް ކުރަންޖެހޭ މުހިންމު ކަމެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ހުރުމަކީ ސިއްޙީ ޚިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކޮންމެވެސް ކުރަންޖެހޭ މުހިންމު ކަމެއް: ވަޒީރު

ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ސިއްޙީ ލެބޯޓަރީގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ޖަރުމަނުގެ ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ނާޠިމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޤައުމީ ލެބޯޓަރީގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަކީ، ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން މީގެ ކުރިން ދިމާވި ދަތިތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ބޭރަށް ފޮނުވައިގެން ތަހްލީލުތައް ފުރިހަމަ ކުރަން ޖެހުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ކޮންމެހެންވެސް ހުންނަން ޖެހޭކަން އިތުރަށް ސާބިތުވާ ކަމަށެވެ. ސިއްޙީ ދައިރާއަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ކޮންމެހެން ޤާއިމުކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (EIB) އާއި ދިވެހި ސަރުކާރު ގުޅިގެން ފައިނޭންސްކުރާ މަޝްރޫޢެކެވެ. މި ލެބޯޓަރީގެ ސަބަބުން އެޑްވާންސްޑް ވައިރޮލޮޖީ، ބެކްޓީރިއޮލޮޖީ، ޕެރަސައިޓޮލޮޖީ އަދި މޮލިކިއުލަރ ޑައިގްނޮސްޓިކްސް ފަދަ ޚިދުމަތްތައް އެއްތަނަކުން ލިބިގެންދާނެއެވެ. މިއީ ޤައުމީ ސިއްޙީ ސަލާމަތްތެރިކަން ވަރުގަދަކޮށް، އަދި އަވަހަށް ބަލިތައް ދެނެގަތުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ހިމެނިފައިވެއެވެ.

މިއަދު އޮންލައިން