ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު، ކުލަގަދަ އަދި ތާރީޚީ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް އަދި ސަރުކާރުގެ ވަޒީރުންނާއި، ބޮޑުތިލަދުންމަތީގެ އެކި ރަށްރަށަށް ނިސްބަތްވާ އެތައް ހާސް ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ތާރީޚުގައިވެސް އުތުރުގައި ހިންގި އެންމެ ބޮޑު މަޝްރޫޢުގެ ދޮރުތައް ހުޅުވިފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ޚާއްސަ މަންދޫބު، އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރު ޝްރީ ކިންޖަރަފު ރާމު މޯހަން ނައިޑޫ އެކުގައި ބަޓަނަށް ފިއްތަވައިލެއްވުމުންނެވެ.
ހަނިމާދޫ އެއަރޕޯޓު ސަރަހައްދުގައި ކުރިއަށްދިޔަ މި ޚާއްސަ ރަސްމިއްޔާތުގައި، ދެ ބޭފުޅުން ވަނީ ރަސްމީކޮށް އެއަރޕޯޓް ހުޅުވައިދެއްވުމުގެ ގޮތުން އެކަމަށް ޚާއްސަ ކުރެވިފައިވާ ސްޓޭންޑް ކައިރިއަށް ވަޑައިގެން، ސްޓޭންޑްގައިވާ ބަޓަނަށް ފިއްތަވާލައްވައިފައެވެ. މި ހުޅުވުމާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނު އޭޝިއާގެ ސަރަހައްދަށް އިތުރު ބޮޑު ބަދަލެއް ގެނެސްދޭނެ ތަރައްޤީއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތު ފެށުމުގެ ކުރިން ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ވަނީ ޖައްސާފައެވެ. މި ތާރީޚީ ދަތުރުގައި ހަނިމާދޫއަށް ޖެއްސީ ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެކެވެ.
ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމާއެކު، ކުލަގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިރަސްމިއްޔާތުގެ ތެރެއިން ހަވާ އެރުވުމާއި ދިއްލާލައިޓް ޝޯވއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކާއެކު، އުތުރުގެ ރައްޔިތުންނަށް ދިގު އިންތިޒާރަކަށް ފަހު، މި ބޮޑު މަޝްރޫޢުގެ ފޮނިކަން ލިބިގެންގޮސްފައިވާކަމަށް އެމީހުން ބުނެއެވެ.