ހަނިމާދޫ އެއަރޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމާފައިވަނީ މި ސަރުކާރުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު، ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުގެ ގާތްގަނޑަކަށް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މަސައްކަތް ނިމިފައިހުރި ކަމަށެވެ. އަދި ބާކީހުރި 72 އިންސައްތަ މަސައްކަތް ކުރުން ނިމިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެއަރޕޯޓުގެ މުހިންމު ބައިތަކުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. "އަޅުގަނޑުމެން ހަވާލުވީއިރު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތެއް ނުއެއް ނިމޭ. ކާގޯ ޓަރމިނަލްގެ މަސައްކަތެއް ނުއެއް ނިމޭ. ޖެޓީއެއް ނުނިމޭ. ފަޔަރ ސްޓޭޝަނެއް ނުއެއް ނިމޭ. އިންޖީނުގެޔެއް ނުނިމޭ. މި ހުރިހާ ކަމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރުމަށް ބާރު އަޅުއްވާދެއްްވާ އަދި އެހީތެރިވެ ދެއްވީތީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަނަވަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިޝާރާތް ކުރެއްވީ، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް %72 މަސައްކަތަކީ ވަޒީރު ޑރ. މުއްތަލިބާއި، ޓީމްގެ އެހީތެރިކަމާއި އެކުގައި ނޫނީ ނިންމާނުލެވޭނެ މަސައްކަތްތައް ކަމަށެވެ.
އެނާ ވިދާޅުވި ގޮތުގައި، "މި ބިޔަ މަސައްކަތުގެ ޝުކުރު ހައްގު ވަނީ ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހާހާ ވާރޭގައި ދޭހާ އަތްވެފައި މި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރި ކޮންމެ މުވައްޒިފެއް، އެންމެ މުވައްޒަފުންނަށް ޝުކުރިއްޔާ،" އެއަރޕޯޓުގެ މަސައްކަތުގައި ބައިވެރިވި އެންމެންނަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.