މުހިންމީ ކައިވެނި ނުރޫޅުމެއް ނޫން! ރޫޅިއްޖެނަމަ މާރަނގަޅު ބައިވެރިއަކު ލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މުހިންމީ ކައިވެނި ނުރޫޅުމެއް ނޫން! ރޫޅިއްޖެނަމަ މާރަނގަޅު ބައިވެރިއަކު ލިބުން!

ކައިވެނި ނުކޮށް ހުރުމުގެ ބާރު ކޮންމެ މީހަކަށްވެސް ވަނީ ލިބިގެންނެވެ. ހަމަ އެއާއިއެކު ތިމާ ބޭނުން ނޫން މީހަކާ ކައިވެނި ނުކުރުމުގެ ބާރުވެސް ލިބިގެންވެއެވެ. ހަމައެއާއިއެކު އެއްވެސް މީހެއްގެ އަތުގައި އެއްވެސް ބާރެއް ނުއޮންނަ އެއްކަމަކީ ކައިވެނި ރޫޅުމެވެ. ކައިވެނި ރޫޅުނަ ނުދޭން އެކަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އަނެކަކު ބޭނުންވެއްޖެނަމަ ކައިވެނި ރޫޅިގެންދެއެވެ.  

މިކަމުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ކައިވެނި ރޫޅުނަ ނުދޭން ތިބާ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކައިވެނި ރޫޅިދާނެކަމެވެ. ހަމައެއާއިއެކު ކުށްވެރިވާނީ ކުށްކުރި މީހާ ކަމެވެ. އެކަންކަން ވިސްނުމުގައި ބަހައްޓައިގެން އަޑުއަހާށެވެ.  

"ގެއްލިގެން ގޮސްފައިވާ އެއްޗަކާއިމެދު (އަތުގައި އޮތް އެއްޗެއް ގެއްލިދިއުމުން) ހިތާމަ ނުކުރާށެވެ. އެއެއްޗެއް ނުގެއްލި އަތުގައި އޮތްނަމަ ހިތާމަކުރަންޖެހޭ މިންވަރު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މިންވަރު ކުރެއްވި ގޮތަކާއި މެދު ރުހި ގަބޫލުވުމަކީ ޙަޔާތް ބާއްޖެވެރި ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަންތަކެވެ." 

ކައިވެނިކުރަނީ މާމުއި ހަނދުގެ ދުވަސްތައް ފާއިއތުވުމުން ކައިވެނި ރޫޅާލާކަށް ނޫނެވެ. ކައިވެނިކުރަންވާނީ ޢުމުރުދުވަހަށް އެކުގައި އުޅުމަށެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަން ޙައްލުކޮށް އެކުގައި ދިރިއުޅެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.  

އެގޮތަށް މަސައްކަތްކުރަނިކޮށްވެސް ކައިވެނި ރޫޅިއްޖެނަމަ މާޔޫސްނުވާށެވެ. މި ބަސްކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ.  

ޔަޤީންކުރާށެވެ! ޙައްޤުމަގުގައި ތިމާ ހުއްޓައި ބައިވެރިޔާ ތިބާ ދޫކޮށްލައިފިނަމަ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ﷲ ތަޢާލާ ދެއްވަވާނެތެވެ. އަދި އެ ބައިވެރިޔާ އެ ގެއްލުނީ މާރަނގަޅު ބައިވެރިއަކު ދެއްވެވުމަށެވެ. އަންހެނަކަށްނަމަ ފިރިއަކާއި ކައިވެނިކޮށްގެން ހުއްޓައި އޭނާއަށް ރަނގަޅު ފިރިއަކު ނުހޯދޭނެއެވެ. ވީމާ ކައިވެނި ރޫޅުން ވާނީ މާރަނގަލު ފިރިއަކު ލިބުމަށް ހުޅުވުނު ދޮރަށެވެ. އިން ޝާ ﷲ  

ނަމަވެސް ވިސްނާށެވެ! ރަނގަޅު ފިރިއަކަށް އެދޭނަމަ ކައިވެނި ރޫޅުމަށްފަހު ޝައިޠޯނާގެ މަގު ޚިޔާރުނުކުރާށެވެ! ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގައި ސާބިތުވާށެވެ. ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން