ފައިސާ ދީފައި ގަންނަ އެއްޗެއްގެ ބޭނުން ނުހިފޭނަމަ ބޭނުންނުކޮށް އެއްލައިލެވިދާނެއެވެ. އެހިސާބުން އެކަން އެނިމުނީއެވެ. މަދުވާނީ ހަމައެކަނި ބޭކާރުކުރެވުނު ފައިސާކޮޅެވެ. ނަމަވެސް ދިރިއުޅުމުގެ ކޮންމެ ކަމަކީ އެހާފަސޭހައިން ނިންމައިލެވޭނެ ކަންކަމެއް ނޫނެވެ
ބާޒާރުގެ ކިތަންމެ ގިނަ ފިހާރަތަކަށްވަދެ ކިތަންމެ ގިނަ ފައިވާން ބެލުމަށްފަހުގައިވެސް ފައިވާނެއް ގަންނައިރު ފަޔަށް ހެޔޮވަރު ނުކޮށް އަދި އަރައިގެން ހިނގަން ތިމާއަށް ފަސޭހަވާނެކަން ޔަޤީން ނުކޮށް ކިތަންމެ އަގުބޮޑު ފައިވާނެއް ނަމަވެސް ގަނެފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
އަރައިގެން ކޮރު ނުޖަހައި ހިނގައި ގަނެވޭނެ ހެއްޔެވެ؟ ނޫނީ އަނގަވަތަށް ބަންޑުން ނުވެއްޓޭނެ ހެއްޔެވެ؟ ވީމާ ކިތަންމެ ވަގުތު ނެތި ފައިވާނެއް ގަންނަން ޖެހުނު ނަމަވެސް އެންމެ މުހިންމީ ފަޔަށް ހެޔޮވަރު، އަރައިގެން ހިނގަން ފަސޭހަ ފައިވާނެއް ހޯދައިގެން ގަތުން ނޫން ހެއްޔެވެ؟
ކައިވެނި ކުރުމަކީވެސް ހަމައެފަދަ ކަމެކެވެ. ވަގުތު ނެގި ނަމަވެސް ބަލަން ޖެހޭ ވަރަށް ބަލައިގެން ނޫނީ ކައިވެނިކޮށްފިނަމަ ޖެހޭނީ ހަމަ ކޮރުޖަހާށެވެ! ނޫނީ އަނގަވަތަށް ވެޢްޓިވެއްޓި ހުންނާށެވެ! ތެދަށް ކުރިއަށް ދިއުން ނުވަތަ އުފަލުގައި ދިރިއުޅެން ފަސޭހައެއް ނުވާނެއެވެ.
ބަލަންވީ ގޮވައިގެން ގިނައިން ބާޒާރަށް، ނުވަތަ ރެސްޓޯރަންޓްތަކަށް ދާނެ ބައިވެރިއަކަށް ނޫނެވެ. ފެނުމުން އޭނާގެ ރީތިކަމަށް އެހެން މީހުން ތައްރީފްކުރާނެވަރުގެ ރީތި ބައިވެރިއަކަށްވެސް ނޫނެވެ. އަންހެނަކު ނަމަ ބަލަންވީ ތިމާ ގޮވައިގެން ދަމުނަމާދުކުރާނެ ބައިވެރިއަކަށެވެ. ފިރިހެނަކު ނަމަ ބަލަންވީ އެންމެ ކުޑަމިނުން ފަތިސް ނަމާދަށް ހޭލައްވައިދޭނެ ބައިވެރިއަކަށެވެ. ހީޓަރު ނެތްނަމަ ހޫނުފެންފޮދެއް ފާޚާނާއަށް ވައްދައިދީފައި ވުޟޫކުރަން ގޮވާނެ ބައިވެރިއަކަށެވެ. (މިއީ ހަމަ ފިރިމީހާ ވެސް ކޮށްދިނުން ރަނގަޅު ކަމެކެވެ.) މިވިސްނުމުގައި ކަންކަން ޔަޤީންކޮށްގެން ކައިވެނިކޮށްފިނަމަ ޙަޔާތް ބާއްޖަވެރި ކުރެވޭނެއެވެ. އިން ޝާ ﷲ.
މިބަޔާންކުރި ކަންކަން ޙާޞިލުކުރެވޭނީ އުނދަގުލުން ނަމަވެސް ނަމަވެސް ހަޔާތުގެ ބައިވެރިއަކަށް ތަޤްވާވެރިއަކު ހޯދިގެންނެވެ. ޙަޔާތުގެ ބައިވެރިއަކަށް ތަޤްވާވެރިއަކު ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ކުރު ޖަވާބަކީ ﷲ ތަޢާލާއަށް ބިރުވެތިވާނެތީއެވެ. އެކަން މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުގެ ޖަވާބަކީ ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ކީރިތި ޤްރުއާނަށާއި ރަސޫލް (ﷺ)ގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރާނެތީއެވެ. އަދިވެސް އިތުރަށް ބުނާނަމަ ޙަޔާތުގެ ބައިވެރިއަކަށް ތަޤްވާވެރިއަކު ހޯދަން ޙަދީޘްްފުޅުގައި އޮތުމުންނެވެ.
މިހެން ބުނުމުން "ތިމާ ކައިވެނި ކުރީ ދީންވެރިއަކާ" ކަމަށް ބުނެފާނެއެވެ. ޖަވާބަކީ ދީންވެރިއަކާއި ކައިވެނިކޮށްފިނަމަ ޙަޔާތް ބާއްޖަވެރިވާނެކަން އެއީ ޔަޤީންކަމެކެވެ. ފޭލްވާނީ އެމީހާގެ ކިބައިގައި ދީންވެރިކަން ނެތުމުންނެވެ.
މިމައްސަލަ ކުރިމަތިވަނީ މީހާގެ ޙަޤީޤަތް ނުބަލައި ބޭރުފުށުން ފެންނަ ސިފައަށް ބެލޭތީއެވެ. ހަމައެކަނި އެމީހާ ދައްކާ ވާހަކަތަކަށް އިތުބާރުކުރެވޭތީއެވެ. ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ ސިފަ އާއި ވާހަކަތަކަށް އެކަނި އިތުބާރު ނުކޮށް އެމީހެއްގެ ޙަޤީޤަތް އޮޅުން ފިލުވުމެވެ. ކައިވެނިކުރަން އަވަސް އަރައި ނުގަތުމެވެ. މަޝްވަރާކުރަން ޖެހޭ އެންމެހައި މީހުންނާއި މަޝްވަރާކޮށްގެން ކައިވެނި ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން