ތިމާއަށް އެންމެ ފައިދާހުރި ދުޢާއަކީ ކޮބައިކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. ތަނަވަސްކަމާއި ރަނގަޅު ވަޒީފާއާއި ހެޔޮލަފާ ބައިވެރިއަކު ލިބުން ފަދަ ކަންކަމަކީވެސް ފައިދާހުރި ކަންކަމެވެ. އެކަންކަމަށް އެދިގެންވެސް ދުޢާކުރަންވީއެވެ. ނަމަވެސް އެކަންކަމަކީ އެއްވެސް މީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަމެއް ނޫނެވެ.
ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރި ދުޢާއަކީ ﷲ ތަޢާލާ އެއްކައުވަންތަކޮށް، ފުރިހަމަ ގޮތުގައި އިސްލާމްދީންމަތީގައި ޘާބިތުވެ ހުރެވި، ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އަޅުކަންކުރަން މަގުފަހިކޮށްދެއްވެވުން އެދި، އަދި ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ލައްވަވައިދެއްވެވުން އެދި ކުރަންޖެހޭ ދުޢާއެވެ.
އެކަން އެނގެނީ ދީނުގެ ހުރިހާ ކަމެއް މިބަޔާންކުރި ކަންކަމުގައި ހިމެނިފައިވާތީއެވެ. ކީރިތި ޤުރްއާން ޤަބޫލުކޮށް ޢަމަލުކުރުމާއި ރަސޫލް ޞައްލުﷲ ޞައްލަﷲ ޢަލައިހި ޢަލައިހިވަސައްލަމަގެ ރަސޫލްކަން ޤަބޫލުކުރުމާއި ސުންނަތަށް ޢަމަލުކުރުން އަދި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ތައުފީޤް ދެއްވެވުމަށް އެދުން މިދުޢާގައި ހިމެނިގެންވެއެވެ.
ހަމަ އެއާއިއެކު ދުނިޔެއާއި އާޚިރަތް ކާމިޔާބުވެ ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށް މަގުފަހިވެގެން ދިއުންވެސް މިދުޢާގައި ހިމެނިގެންވެއެވެ. އަހަރެމެން އެންމެ ގިނައިން ކުރާ އެއްދުޢާ ކަމުގައިވާ ރައްބަނާ އާތިނާ ދުޢާގައި ހިމެނިގެން އެދަނީވެސް ހަމަ މިކަންކަމެވެ.
އަހުރެމެންނަށް އާޚިރަތް ކާމިޔާބުވުން ވަނީ ދުނިޔޭގައި ހުރެ އެމީހަކު ޢަމަލުކުރި ގޮތެއްގެ މައްޗަށެވެ. އިސްލާމް ދީނުގައި ޘާބިތުވެ ހުރެވުނު މިންވަރެއްގެ މައްޗަށެވެ. ވީމާ އެކަންކަން ހިންމަވައިދެއްވުން އެދިގެން ގަދައަޅައި މަސައްކަތްކުރަމުން އެކަމަށް އެދިގެން އަބަދުވެސް ދުޢާކުރަންވާނެއެވެ.
- މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން