ގިނަ ދަރިން މަގުން ކައްސާލަމުން އެދަނީ މައިންބަފައިންގެ މިފަދަ ކަންކަމާހުރެ! ޙައްލު އޮތީ ހަމަ މައިންބަފައިންގެ އަތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ގިނަ ދަރިން މަގުން ކައްސާލަމުން އެދަނީ މައިންބަފައިންގެ މިފަދަ ކަންކަމާހުރެ! ޙައްލު އޮތީ ހަމަ މައިންބަފައިންގެ އަތުގަ!

ކިތަންމެ ރަނގަޅު މައިންބަފައިންގެ ދަރިއަކުވެސް ނުބައި މަގަކުން ހިނގައިދާނެއެވެ. އެއީ މެދުވެރިވެދާނެ ކަމެކެވެ. ނަމަވެސް ގިނަ މައިންބަފައިންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތަށް ބަލައިފިނަމަ ލޮލުން ކަރުނައަޅަން އެބަޖެހެއެވެ. މިގެނެސްދެނީ އެފަދަ ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އެއިރު ރާއީގެ އުމުރުން އެންމެ 5 އަހަރެވެ. ރާއީއަށް ފެނުނީ ގޭގައި ގެންގުޅޭ އަންހެން މީހާގެ މޫނަށް ބައްޕަ ބޮސްދޭތަނެވެ. ރާއީއަށް ކުއްލިއަކަށް ސުވާލުކުރެވުނެވެ. "ބައްޕާއެވެ! ތިއައީ މަންމައެއް ނޫނެއް ނޫންތޯއެވެ؟ އޭނާގެ މޫނަށް ބޮސްދެއްވީ ކީއްވެގެންތޯއެވެ؟" 

ކުޑަކުޑަ ރާއީގެ ބަސްތަކުން ބައްޕައަށް ވަރަށް އުނދަގޫވިއެވެ. "ދަރިފުޅާއެވެ.! މާދަމާ ޓެބްލެޓް ގަނެދޭނަމެވެ. މަންމަ ގާތު މިވާހަކަ ނުދައްކާށެވެ. މަންމަ ސުވާލުކުރިނަމަވެސް ފެނުނު ކަމަށް ނުބުނާށެވެ!" 

"ބައްޕާއެވެ! އެއިރުން ވާނީ އަޅުގަނޑު ދޮގުހެދިކަމަށް ނޫންތޯއެވެ؟ ދޮގު ނުހަދަން ބައްޕަ ބުނުއްވަމު ނޫންތޯއެވެ؟" 

"މަންމައަށް އެނގުމުން މަންމަ ދެރަވާނެއެވެ! އެއިރުން ރާއީ މާދެރަވާނެއެވެ!" 

އަހަރުތައް ފާއިއތުވަމުން ގޮސް ރާއީގެ އުމުރުން 16 އަހަރެވެ. ރާއީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވެން ފަށައިފިއެވެ. ނަމަވެސް ރާއީ އެކަމަށް އެއްބަހެއް ނުވެއެވެ. ބުނަނީ އެފަދަ ކަމެއް ނުކުރާ ކަމަށެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް އެއީ ބައްޕަގެ އަލަމާރިން ގިނަ އަދަދެއްގެ ފައިސާ ގެއްލުނު ދުވަހެކެވެ. ގިނަ އަދަދެއްގެ ފައިސާ ރާއީގެ އަލަމާރިން ފެނިގެން ބައްޕަ ސުވާލުކުރުމުން އެދުވަހު ރާއީ ހުރިހާ ކަމަކަށް އެއްބަސްވިއެވެ. ގެއިން ވައްކަންކުރާކަމަށްވެސް އެއްބަސްވުމުން ބައްޕަ ވަރަށް ދެރަވެފައި ބުންޏެވެ. "ދަރިފުޅާއެވެ! ކިހާދަރަހެއްޔެވެ؟ މިހުރިހާ ދުވަހު ތިއައައީ ދޮގުހަދަމުންނެވެ! ދޮގުހެދީ ކީއްވެގެން ހެއްޔެވެ؟" 

ރާއީ ބުންޏެވެ. "އެއަންހެން މީހާގެ މޫނަށް ބައްޕަ ބޮސްދިން ދުވަހު ބައްޕަ ބުނުއްވީމެއް ނޫންތޯއެވެ؟ އެކަން ތެދަށް މަންމަ ގާތު ބުނެފިނަމަ މަންމަ ދެރަވާނެއެވެ. އަޅުގަނޑު މަސްތުވާ ތަކެތި ބޭނުންކުރާކަމާ ސިއްރުން ފައިސާ ނަގައި ބޭނުންކުރާކަން ބައްޕައަށާ މަންމައަށް އެނގިލެއްވުމުން ދެރައެއް ނުވާނަންތޯއެވެ؟" 

ޖަވާބުގައި ބުނާނެއެއްޗެއް ބައްޕައަކަށް ނުވިސްނުނެވެ. ނަމަވެސް މަންމައަށް ބުނެވުނެވެ. "ދަރިން ހަލާކުކޮށްފައި އެދަރިން ދެކެ ރުޅި އައުމުގެ ބޭނުމެއްނެތެވެ. އަދި ޙައްޤެއްވެސް ނެތެވެ." 

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ތެދުވެރިކަމާއި ވަފާތެރިކަން އިސްކޮށްގެން ދުނިޔޭގައި އުޅެންވީ މިފަދަ ކަންކަން މެދުވެރިވާތީއެވެ. މައިންބަފައިން ބުނާ ނުބައި ބަސްތަކާ ކުރާ ނުބައި ކަންކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ކުރާނީ ކޮން ސިފައެއްގައި ކޮން ގޮތަކަށްކަން ނޭނގޭތީއެވެ. ދަރިން ލިބުމުން ދުނިޔޭގެ އުފާތައް ޤުރްބާންކޮށް ދަރިން ތަރުބިއްޔަތުކުރަން ދެމަފިރިން އެކުގައި އެއް ރޫޙެއްގައި މަސައްކަތް ނުކުރާނަމަ މިފަދަ މައްސަލަތައް ކުރިމަތިވުން އޮންނާނީ ވަރަށް ގާތުގައެވެ.

 

- ޑރ. ޖީޒާ ލަބީބް

މިއަދު އޮންލައިން