މަރުނުވާން ރަށުން ނުކުތް އެންމެންނަށް މަރުވާންޖެހި، މަރުވެ ކަށްޓަށްވީފަހުން އަލުން ދިރުއްވެވި ގޮތުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 8މ 38ސ
މަރުނުވާން ރަށުން ނުކުތް އެންމެންނަށް މަރުވާންޖެހި، މަރުވެ ކަށްޓަށްވީފަހުން އަލުން ދިރުއްވެވި ގޮތުގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

މިއީ އެއްގޮތަކުން ބަލައިފިނަމަ ތައުހީދުގެވެސް ފިލާވަޅެކެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާ މަތިވެރިކަން ބަޔާންވެ އެނގިގެންދާލެއް ބޮޑުކަމުންނެވެ. ﷲ ތަޢާލާއަށް އީމާންވެ ފުރިހަމަ ގޮތުގުގައި ކިޔަމަންތެރިވާންޖެހޭ ސަބަބުތައް ވަރަށް ގިނަކަން އެއީ އެއްވެސް މީހަކު ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އެމީހުން އަލުން ދިރުއްވެވުމުން ތެދުވީ ތަކްބީރުކިޔަމުންނެވެ. އެކަމުން އެނގިގެންދަނީ އެމީހުން ތެދުވީ ފުރިހަމަ ތައުހީދުގެމަތީގައި ކަމެވެ.   

حِزْقِيلُ عليه السّلام 

حِزْقِيلُ عليه السّلام އަކީ ބަނީއިސްރާއީލުބާގައިގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވުނު ނަބީބޭކަލެކެވެ. موسى ގެފާނު އަވަހާރަވުމަށްފަހު ބަނީއިސްރާއީލުންގެ މީސްތަކުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވީ ޔޫޝަޢުގެފާނެވެ. ޔޫޝަޢުގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޚަލީފެއްގެ ގޮތުން ދީނުގެ ކަންތައްތައް ކުރިއަށް ގެންދެވީ كَالِب ُ بْن يُوقَنَّا އެވެ. كَالِب ُ بْن يُوقَنَّا އަޖަލުގެ ގޮވެއްޗަށް އިޖާބަދެއްވުމުން ބަނީއިސްރާއީލުންގެ  ގާތަށް ނަބީކަމުގެ މަތިވެރި މަސްޢޫލިއްޔަތާއިގެން حِزْقِيلُ عليه السّلام ފޮނުއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 280} 

محمد بن إسحاق ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ބަނީއިސްރާއީލުންގެ މީހުންނަށް ޠާޢޫނު ވަބާ ލައިގަތެވެ. އެބައިމީހުން ޠާޢޫނު ވަބާއަށް ބިރުން ރަށުން ނުކުމެ، އެހެންތަނަކަށް ގޮސް ވަޒަންވެރިވިއެވެ. އެބައިމީހުންގެ މަޤުޞަދަކަށް ވެފައިއޮތީ މަރަށް ފިލަން ދިޔުމެވެ. ދެން މާތް އެބައިމީހުންނަށް މަރުވާށޭ ވަޙީ ކުރެއްވިއެވެ. އެވަގުތު އެންމެން މަރުވެގެން ބިންމަށްޗަށް ވެރިއްޖެއެވެ. 

މިކަން މިހެން ހިނގައި އެތައް ދުވަހެއް ފާއިތުވެ ދިޔަފަހުން حِزْقِيلُ عليه السّلام އެމަގުން ވަޑައިގެންނެވިއެވެ. އެބައިމީހުންގެ އެންމެން މަރުވެފައިވަނިކޮށް ދެކެވަޑައިގެން ވަރަށް ބޮޑަށް އަޖައިބުވެވަޑައިގެން، ޚިޔާލުފުޅެއްގައި ހުންނެވިއެވެ. އެ އެންމެން އަލުން ދިރުވާނެ ގޮތަކާމެދު ޚިޔާލުފުޅު ކުރައްވަން ހުންނަވަނިކޮށް އެކަލޭގެފާނަށް އެންގެވުނެވެ. [އެބައިމީހުން އަލުން ދިރުއްވާތަން ދެކެވަޑައިގަންނަވަން ކަލޭގެފާނު ބޭނުންފުޅުތޯއެވެ؟] حِزْقِيلُ عليه السّلام ވިދާޅުވިއެވެ. [އާދޭހެވެ!] އެކަލޭގެފާނަށް އެންގެވުނެވެ. [އެބައިމީހުންގެ ވިރިފައިވާ ކަށިތަކަށް މަސްލެވި، ވަކިވެފައިވާ ގުނަވަންތައް ގުޅި، ފުރާނައެޅިގެން ތެދުވުމަށް އެބައިމީހުންނަށް ގޮވައިލައްވާށެވެ.] ދެން އެކަލޭގެފާނު މާތް ގެ އިސްމުފުޅުން ގޮވައިލެއްވުމުން އެ އެންމެންނަށް ފުރާނައެޅި ދިރިގެން ތެދުވެއްޖެއެވެ. އެބައިމީހުން ތެދުވީ މާތްއަށް تكبير ކިޔަމުންނެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 280-281} 

މަރަށް ބިރުން ތިމާމެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 243 ވަނަ އާޔަތުގައި އަރަހުށި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّـهُ مُوتُوا ثُمَّ أَحْيَاهُمْ ۚإِنَّ اللَّـهَ لَذُو فَضْلٍ عَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ﴿٢٤٣

މާނައީ: [އެތައްހާސް ބަޔަކުކަމުގައިވާ حال، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، اللَّه، އެއުރެންނަށް وحى ކުރެއްވިއެވެ. ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަ މީހުން شكر އެއް ނުކުރެތެވެ.] 

ކުރިން ދެންނެވުނު ރިވާޔަތުގެ އިތުރުން އެހެން ރިވާޔަތެއްވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ރިވާވެގެން އައިސްފައިވެއެވެ. ابن مسعود رضى اللّـه عنه އާއި އަޞްޙާބުބޭކަލުންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވެއެވެ. މިކަމެއް ހިނގީ دَاوَرْدَان ُ އޭ ކިޔުނު ރަށުގައެވެ. އެރަށުގެ މީސްތަކުންނަށް ޠާޢޫނުގެ ވަބާލައިގަތުމުން ރަށުގެ އާބާދީގެ ބޮޑުބައެއް ރަށުންނުކުމެ،ރަށްބޭރުގައި ފޭލިގެ ޖަހައިގެން ތިބެއްޖެއެވެ. ރަށުގައި ޤާއިމުވެތިބި މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޠާޢޫނުގެ ވަބާގައި މަރުވެނެތިއްޖެއެވެ. ދެން ޠާއޫނު ވަބާގެ އަސަރު ފިލައިގެން ދިޔުމުން ރަށްބެރުގައި ތިބި މީސްތަކުން ރަށަށްއަރައި، ރަށުގައި ސަލާމަތުން ތިބި މީހުންނާ ބައްދަލުކުރިއެވެ. ރަށުގައި ސަލާމަތުން ތިބި މީހުން ބުނެފިއެވެ. 

[މިބައިމީހުން ކަންކުރިގޮތަށް ކަންކުރިނަމަ މި ޠާޢޫނު ވަބާއިން އެންމެން ސަލާމަތްވީހެވެ. ދެން ޠާޢޫނު ވަބާ ޖެހިއްޖެހިއްޖެނަމަ، އަހަރެމެން އެންމެން އެބައިމީހުންނާއެކުގައި ރަށްބޭރަށް ނުކުންނާނީއެވެ.] 

ޖެހިގެން އައި އަހަރު އަނެއްކާވެސް ޠާޢޫނު ވަބާ ކުރިމަތިވެއްޖެއެވެ. މިއަހަރު ރަށުގެ އެންމެން  ޠާޢޫން ވަބާއަށް ފިލަން ރަށުންނުކުމެގެން ހިނގައްޖެއެވެ. އެބައިމީހުންގެ އަދަދު ތިރީސްހާހަށް ވުރެ ގިނައެވެ. މިފަހަރުވެސް ދިޔައީ އިހުވެސް އެބައިމީހުން ދިޔަ ތަނަށެވެ. ތަނުގެ ނަމަކީ أفيح އެވެ. ދެން ދެ މަލާއިކަތުން އެ ވާދީގެ މަތިންނާއި ތިރިން ވަޑައިގެން [ތިޔަބައިމީހުން އެންމެން މަރުވާށޭ] ވިދާޅުވުމުން އެންމެން އެއްފަހަރާ މަރުވެގެން ވެރިއްޖެއެވެ. އޭގެ ވަރަށް ދުވަސްފަހުން އެތަނުގެ ކައިރިން حزقيل ނަބިއްޔާ ވަޑައިގަތެވެ. ދެން މިބައިމީހުން އެތަނުގައި މަރުވެ، މުޅިން ކައްޓަށްވެފައިވަނިކޮށް ފެނިވަޑައިގެން އެކަމާ ވަރަށް ފިކުރުފުޅު ކުރައްވަން ހުންނެވިއެވެ. މިހެން ފިކުރުފުޅުގައި ހުންނަވަނިކޮށް މާތް އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. 

[ތިމަން މަރުވެފައިވާ ތަކެތި ދިރުއްވާގޮތް ކަލޭގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުތޯއެވެ؟] 

حزقيل عليه السّلام ވިދާޅުވިއެވެ. [އާދޭހެވެ!] މާތް ވަޙީ ކުރެއްވިއެވެ. [ކަލޭގެފާނު އެބައިމީހުންނަށް ގޮވާލައްވާށެވެ!] ދެން އެކަލޭގެފާނު ގޮވައިލެއްވިއެވެ. އޭ ކަށިތަކާއެވެ. [ގެ އިޒުނަފުޅާއެކު އެއްވާށެވެ.] ދެން އެކަށިތައް ގެ އިޒުނަފުޅާކު އެއްވެ ފުރިހަމަ ކަށިގަނޑަކަށްވެއްޖެއެވެ. ދެން މާތްއެކަލޭގެފާނަށް އެންގެވިއެވެ. [އެ ކަށިގަނޑަށް މަސްއެރުމަށް ގޮވާލައްވާށެވެ.] އެކަލޭގެފާނު އެހެން ވިދާޅުވުމުން އެކަށިތަކަށް މަސްއެރި އެބައިމީހުން މަރުވިއިރު ތިބި ފޭރާމަށް ދާންދެން ލެވިއްޖެއެވެ. ދެން حزقيل عليه السّلام އަށް އަމުރުކުރެވުނެވެ. އެބައިމީހުން ފުރާނެލެވިގެން ތެދުވުމަށް ގޮވާލަށްވާށެވެ. ދެން އެކަލޭގެފާނު އެހެން ގޮވައިލެއްވުމުން އެ އެންމެން ގެ އިޒުނަފުޅާއެކު ފުރާނަ ލެވިގެން ތެދުވެއްޖެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 281-282}

محمد بن إسحاق ވިދާޅުވެފައިވެއެވެ. حزقيل عليه السّلام، بني إسرائيل ންގެ ތެރޭގައި ހުންނެވީ ކިހާ މުއްދަތެއްގައި ކަމެއް އަދި އެކަލޭގެފާނު އަވަހާރަވީ ކޮންއިރަކުކަމެއް އެނގޭކަށް ނެތެވެ. حزقيل عليه السّلام، އަވަހާރަވުމަށް ފަހު بني إسرائيل ބާގައިގެ މީސްތަކުން ގެ އަޙްދުގެ މަތިން ހަނދާނައްތައިލިއެވެ. އަރަހުށި މާތްاللّـه، ގެ ދީނުން އެއްކިބާވެ މަގުފުރެދިގަތެވެ. އެބައިމީހުން بعل ނަމުން ނަންދެވިފައިވާ ބުދަށްއަޅުކަން ކުރަންފެށިއެވެ. ދެން މާތް އެބައިމީހުން ހަމަ މަގަށް އަޅުވައި އިޞްލާޙު ކުރެއްވުމަށް إلياس عليه السّلام ފޮނުއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 283-284}

 

ނޯޓް: މިދެންނެވި ބަޤަރާ ސޫރަތުގެ 243 ވަނަ އާޔަތުގައިވާ ޙާދިޘާ ދެކެވަޑައިގެންނެވި ނަބީބޭކަލަކާމެދު މުފައްސިރުންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެގޮތުން އިމާމު އާލޫސީ މަޢާލިމުއް ތަންޒީލުގައި ލިޔުއްވައިފައިވެއެވެ. އެކަމެއް ދެކެވަޑައިގެންނެވި ނަބީބޭކަލަކީ حِزْقِيلُ ކަމަށާއި، شَمْعُونُ ކަމަށާއި، شَمُوئِيلُ ކަމަށާއި، يُوشَعُ ކަމަށާއި، ذُو الكِفْلِ ކަމަށް ރިވާވެފައިވެއެވެ.

 

މިއަދު އޮންލައިން