ލޯބިވެރިންނާއެކު ގުޅުންހިންގުމަކީ ކޮންކަހަލަ ކަމެއްކަން އޮޅުން ފިލުވަން ކުރި މަސައްކަތުގަ ޑޮކްޓަރުން ދިން ޖަވާބުތަކުން އަންތަރީސްވާންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ލޯބިވެރިންނާއެކު ގުޅުންހިންގުމަކީ ކޮންކަހަލަ ކަމެއްކަން އޮޅުން ފިލުވަން ކުރި މަސައްކަތުގަ ޑޮކްޓަރުން ދިން ޖަވާބުތަކުން އަންތަރީސްވާންޖެހުނު އަންހެނެއްގެ ވާހަކަ-

އެއީ 30 އަހަރުގެ އަންހެނެކެވެ. މުސްލިމެއްވެސް ނޫނެވެ. އޭނާ އެންމެ އިތުބާރުކުރާ ނަފްސާނީ ޑޮކްޓަރާއި ކުރި ސުވާލެކެވެ. "ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އަދި ކައިވެނިކުރެވޭކަށް ނެތެވެ. މިޙާލަތުގައި ލޯބިވެރިންނާ ގުޅުން ހިންގުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟" އޭނާދިން ޖަވާބަކީ ތިއަކަމުން ވަޤުތީ ހިތްހަމަޖެހުމެއް ލިބުނަސް ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ." 

ޖަވާބުދިނީ މުސްލިމަކަށްވުމުން އޭނާ އިތުބާރެއް ނުކުރިއެވެ. ހީވީ ދީނުގައި އޮންނަ ގޮތަށް ބުނީކަމަށެވެ. އެހެންވެ އެހެން ދީންތަކުގެ 3 ޑޮކްޓަރުންނާއި ސުވާލުކުރުމުންވެސް ދިނީ ހަމަ އެފަދަ ޖަވާބެވެ. 

އެތަނުން އެންމެ ސީނިއާ ޑޮކްޓަރު ބުންޏެވެ. "ތިބާ ބޭނުންވަނީ ދާއިމީ ރަނގަޅު ހިތްހަމަޖެހުމެއް ނަމަ ޢިއްފަތްތެރިކަން ހިފަހައްޓާށެވެ. ތަފާތު ގިނަ މީހުންގެ ބޭނުންކުރާ އަންހެނުންނަށް ކުރިމަތިވާ ޞިއްޙީ މައްސަލަތައް އިތުބާރުކުރެވޭ ޖައިނިކޮލޮޖިސްޓެއްގެ ކިބައިން އޮޅުންފިލުވާށެވެ. އެވާހަކަތައް ކިޔައިދޭން ރަނގަޅުވާނީ އެމީހުންނެވެ." 

ދެން އޭނާ ބައްދަލުކުރީ އޭނާ އެންމެ އިތުބާރުކުރާ އަންހެނުންގެ ޑޮކްޓަރާއެވެ. އެއީ އޭނާގެ ޢާއިލީ ޑޮކްޓަރުވެސްމެއެވެ. އޭނާއާއިއެކު ގަޑިއެއްހާއިރު ވަޤުތު ހޭދަކޮށްފައި ނުކުތީ ނިތްކުރިއަށް ރޫތަކެއް އަރުވަމުންނެވެ. ހަށިގަނޑުން އޮއްދާ ހިއްލައެވެ. އެއީ ގިނަފިރިހެނުންނާއިއެކު ގުޅުން ހިންގުމުން ލިބޭ ގެއްލުންތަކުގެ އަޑުއިވުމުންނެވެ. 

އެރޭ އޭނާގެ އެންމެގާތް އެކުވެރިޔާ އާއި ބައްދަލުވުމުން ބުންޏެވެ. "އަހުރެމެން އަންހެނުން ހަލާކުވަމުން މިދަނީ އަމިއްލައަށެވެ. ޢުމުރުން ދެބައިނުވަނީސް ދުވަސްދަނީ ހަމަ އުޅެވޭގޮތުންނެވެ. ނުބައި ވިސްނުމެއް ލިބިގެންނަމަވެސް މިހޯދުނީ ވަރަށް އަގުހުރި މަޢުލޫމާތުތަކެކެވެ." 

މިއީ އަހުރެންގެ ގާތުން ލަފާ ހޯދާ އަންހެނަކު ކިޔައިދީފައިވާ ވާހަކައެކެވެ. އޭނާގެ ގާތް އެކުވެރިއަކަށް ކުރިމަތިވި ކަމެއް ކަމަށް ބުނެއެވެ. ކޮންމެއަކަސް މިއީ މިަކްނ އޮތްގޮތެވެ. މިވާހަކަތަކަކީ ދަރުސްތަކުގައި އެންމެ ގިނައިން ކިޔައިދެވޭ އެއް ވާހަކަތަކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޢިއްފަތްތެރިކަމާއިއެކު ކައިވެނިކޮށް ތިމާގެ ހަށިގަނޑު ޙަވާލުކުރީމާ އެކަމުގެ އަގުވަޒަންނުކުރާ ފިރިން ގިނަވަމުން އަންނައިރު ލޯބިވެގެން ހިންގާ ގުޅުމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދެން ކުރާނެ ސުވާލަކީ ކައިވެނިކުޜިމާ ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހުރެވޭ ކަމެވެ. ފާފަވެރިނުވާކަމެވެ. އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެވެ. 

ވީމާ ފާފަވެރިވުމުން ސަލާމަތްވެހުރުމަށް މަސައްކަތްކުރުމުގެ އިތުރުން ތިމާގެ ޞިއްޙަތަށްޓަކައިވެސް ކައިވެނީގެ ބޭރުން ގުޅުން ނުހިންގާށެވެ! ޝައިޠޯނާގެ ކެހިވަރި މަޅިފަތީގައި ނުބެދޭށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން