ސުވަރުގޭގަ އެންމެ މަތިވެރި ޞަޙާބީންނާއި އެއްދަރަޖައިގަވުމުގެ ފުރުޞަތު އަހުރެމެންނަށްވެސް އެބައޮތް! އެކަމަށް ރަސޫލް ޞޢޥ ވަނީ ދަޢުވަތުވެސް ދެއްވަވައިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސުވަރުގޭގަ އެންމެ މަތިވެރި ޞަޙާބީންނާއި އެއްދަރަޖައިގަވުމުގެ ފުރުޞަތު އަހުރެމެންނަށްވެސް އެބައޮތް! އެކަމަށް ރަސޫލް ޞޢޥ ވަނީ ދަޢުވަތުވެސް ދެއްވަވައިފަ!

އަހަރެމެންނާއި ރަސޫލް ބައްދަލުނުވުމަކީ ނުވަތަ ޞަޙާބީއަކަށް ނުވެވުމަކީ ސުވަރުގޭގައި އެންމެ އަރިއަހުގައި ނުވެވޭނެ ސަބަބެއް ނޫނެވެ. އެއީ ހަމައެކަނި ޞަހާބީންނަށް އޮތް ފުރުޞަތެއް ނޫނެވެ. މިއަދު ދުނިޔޭގައި މިތިބަ މުސްލިމުންނަށާއި އުފަންވާނެ ކޮންމެ މުސްލިމަކަށްވެސް ލިބެން އޮތް ފުރުޞަތެކެވެ. ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އެމީހާގެ އަމިއްލަ އިޚްތިޔާރުގައެވެ. އެމީހަކު އެކަމަށް އެދިގެން ހިތްވަރުކުރުމުންނެވެ.  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުގައިވުމެވެ. މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ.  

ޙަދީޘްފުޅުގައި އޮތީ ތިމަންކަލޭގެފާނާއި އެންމެ އަރިހުގައި ސުވަރުގޭގައިވުމަށް އެދޭނަމަ ސަޖިދަކުރުން ގިނަކުރުމަށެވެ. ސަޖިދަކުރުން ގިނަކުރިކަމަށްވާނީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރިވަރަކުންނެވެ. ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއި އެންމެ އަރިއަހުގައިވުމަށް މަސައްކަތްކުރަން އިތުރު ޞާޙިބާ ވަނީ ހުރިހާ މުސްލިމުންނަށް ދަޢުވަތުވެސް ދެއްވަވައިފައެވެ. އެދަޢުވަތު ޤަބޫލުކޮށް ޢަމަލުކުރި ކޮންމެ މީހަކަށްވެސް އެމަތިވެރި ނިޢުމަތް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ރަވާތިބު ސުންނަތް ކުރުމާއިއެކު ވިތުރިއާއި ރޭއަޅުކަމާއި ޟުޙާނަމާދުގައި ވީހާ ގިނަ ރަކްޢަތްކުރަން މަސައްކަތްކުރަންވީވެސް އަދި ވީހާ ގިނައިން ވުޟޫނަމާދުކޮށް އަދި މަސްޖިދު ސުންނަތުގެ 2 ރަކްޢަތްކުރަންވީވެސް ހަމައެސަބަބަށްޓަކައެވެ. ކުރާ ސަޖިދަ އިތުރުކުރުމަށެވެ. ރަވާތިބް ސުންނަތުގެ ތެރޭގައި ނުހިމެނުނަސް ޢަޞްރު ނަމާދުގެ އިހުސުންނަޓާއި މަޣްރިބްނަމާދުގެ އިހުސުންނަތާއި ޢިޝާނަމާދުގެ އިހުސުންނަތް ކުރަންވީވެސް ހަމަ އެސަބަބަށްޓަކައެވެ.  

ވީމާ މިކަމުން އެނގޭކަމަކީ ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުގައިވުމުގެ ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައިކަމެވެ. އެހެނީ ސަޖިދަކުރުން ގިނަކުރެވޭނީ ސުންނަތް ނަމާދުތައް ގިނަކޮށްގެންނެވެ. އެއީ އެމީހަކު އަމިއްލައަސް ކުރަންޖެހޭ ކަމެކެވެ.  

އިތުރު ޙަދީޘްފުޅެއްގައިވަނީ ސުވަރުގޭގައި ކޮންމެ މީހަކުވެސް އެމީހަކުދެކެ އެންމެ ލޯބިވާ މީހަކާއިއެކުގައި ކަމެވެ. ރަސޫލް ދެކެ ލޯބިވުމަކީ ސުންނަތަށް ޢަމަލުކުރުމެވެ. ސުންނަތަށް ޢަމަލުކުރާ މީހާ ސުންނަތަށް ޢަމަލުކުރުން ގިނަކުރާނެއެވެ. އެއިރުން އޮންނާނީ ސުންނަތް ނަމާދުކުރުން ގިނަކުރެވިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން