ޝަރުޠު ހަމަވެއްޖެނަމަ އޮތީ ކައިވެނިކުރުން އަވަސްކުރުން! ލަސްކުރީމަ ލިބޭ ދެރައާ ގެއްލުންތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޝަރުޠު ހަމަވެއްޖެނަމަ އޮތީ ކައިވެނިކުރުން އަވަސްކުރުން! ލަސްކުރީމަ ލިބޭ ދެރައާ ގެއްލުންތައް ވަރަށް ގިނަ!

ކައިވެނިކުރަން އެންމެ ރަނގަޅު ޢުމުރަކާއިބެހޭ ގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަމާއި ގުޅިގެން މަޝްހޫރު ދީނީ ޢިލްމްވެރިޔާ ބިލާލް އައްސަދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

ކައިވެނިކުރުން ފަސްކުރާ އަންހެނުން، ޢުމުރުން ގިނަ ދުވަސްވެ ދަރިން ނުލިބޭ ޢުމުރަށް އެޅުމުން އެންމެ ބޮޑަށް ހިތާމަކުރާ އެއްކަމަކީ ޒުވާން ޢުމުރުގައި ކައިވެނިކޮށް ދަރިން ނުހޯދުނުކަމެވެ. އަދި މުސްކުޅި ޢުމުރަށް އެޅިގެންދާއިރު ކުދި ދަރިންތަކެއް ބަލަންޖެހޭ މައިންވެސް އަދި ބައްޕައިންވެސް އެކަމަށް ހިތާމަކުރެއެވެ.  

ބައެއް ޒުވާން ފިރިހެންކުދިންނަށް ހީކުރެވިފައި އޮންނަނީ ޒުވާން ޢުމުރުގައި ކައިވެނިކުރުމަކީ ޒުވާން ޢުމުރުގެ ފައިދާ ހޯދަން އެޅޭ ހުރަހެއް ކަމަށެވެ. އެއީ ޒުވާން ޢުމުރުގައި ގިނަ އަންހެނުންތަކެއްގެ ކިބައިން އުފާ ހޯދަންބޭނުންވާތީއެވެ. ގިނަ ބައަކާއިއެކު މަޖާކުރަން ބޭނުންވާތީއެވެ. މިފަދަ ވިސްނުން ގެންގުޅޭ ޒުވާނުންނަށް ވިސްނިފައި އޮންނަނީ އެމީހުން އުޅެން ބޭނުންވާ  ގޮތްގޮތަށް ހުރަސް އަޅައި ފާޑުކިޔާނެ އަންތބަކު ހުރުމަކީ އެމީހުންގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ. 

މިފަދަ ގޮތްގޮތަށް ވިސްނާ ފިރިހެނުން ގިނަ ނަމަވެސް މިފަދަ ގޮތްގޮތަށް ވިސްނާ އަންހެނުންވެސް ތިބެއެވެ. ނަމަވެސް ނިޞްބަތުން މަދުކަން ފާހަގަކުރެވެއެވެ.  

ކޮންމެއަކަސް އަހުރެން ބުނާނީ ކައިވެނިކުރާ ޢުމުރަށް އެޅުމުން ކައިވެނިކުރުމުގެ ޤާބިލުކަން ހުރިނަމަ މިފަދަ ނުބައި ގޮތްގޮތަށް ވިސްނައިގެން ކައިވެނިނުކޮށް ލަސްނުކުރުމަށެވެ. އެންމެ ބޮޑު ސަބަބަކީ ޒުވާން ޢުމުރު ހޭދަކުރި ގޮތާއިމެދު ﷲ ތަޢާލާ ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތީއެވެ. ޖަވާބުދާރީނުވެ ހުރި ފިޔަވަޅުމަތިން ގުޑައިވެސް ނުލެވޭނެތީއެވެ.  

ދެވަނަ ސަބަބަކީ ދެމީހުންނަށްވެސް އެންމެ ފައިދާހުރި ގޮތަކީ ވީހާ އަވަހަކަށް ކައިވެނިކޮށް ދަރިން ދެއްވެވުމުން ވީހާ ރަނގަޅަކަށް ދަރިން ބަލައި ބޮޑުކުރުން ކަމެވެ. އެއިރުން މުސްކުޅިވާ ދުވަހު ދަރިން ބެލުމުގެ ބުރަ އުފުލާކަށް ނުޖެހޭނެއެވެ. އެއިގެ ބަދަލުގައި އެހީތެރިވާނެ ދަރިން ތިބޭނެއެވެ. 

ކައިވެނިކުރުމުގެ ޤާބިލްކަން ލިބުމުން ވީހާ އަވަހަކަށް ކައިވެނިކުރަން ދީނުގައި އޮތީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. އެކަމުން ފައިދާކުރާނެތީއެވެ. ވީމާ އަހުރެމެން މުސްލިމުން ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންވާނީ އެކަމެއް ކުރަން ދީނުގައި އޮތްމަގުންނެވެ. އެއަށްވުރެ ފައިދާހުރި ގޮތެއް ނުފެންނާނެއެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން   

މިއަދު އޮންލައިން