ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ޚިދުމަތްތައް ގާއިމުކުރެވުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދަތުރުފަތުރުގެ ފަސޭހަތައް ފުޅާކުރުމުގެ މަޤްސަދުގައެވެ.
މި ޚިދުމަތްތައް ފައްޓަވައިދެއްވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމުގެ ސަބަބުން، އުތުރުގެ ރަށްތަކަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖެއަށް އަންނަ ބޭރުގެ ފަތުރުވެރިންނަށް ޑޮލަރުގެ މުޢާމަލާތްތައް ކުރުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށެވެ. "ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއިއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި އިންތިޒާމާއެކު، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެންމެންނަށްވެސް، ބޭންކުގެ ގިނަ ޚިދުމަތްތައް ފަސޭހައިން ލިބި، ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދާނެއެވެ.