ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލަނީ

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލުމަށް އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމަށް އާދެވިފައިވަނީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަޒީރު ޠާރިޤު އިބްރާހީމް މިކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ ޔޫއޭއީގެ އިޤްތިޞާދާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ހ.އ. އަބްދުﷲ ބިން ތޫޤު އަލް މައްރީއާއެވެ. މި ބައްދަލުވުން އޮތީ ސައުދީގައި ކުރިއަށްދާ ޔޫއެން ޓޫރިޒަމްގެ 26 ވަނަ ޖެނެރަލް އެސެމްބްލީގެ (ޔޫއެންޓީޖީއޭ26) ހަވާސާގައެވެ.

އެކުލަވާލެވޭ ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕްގެ މައިގަނޑު މަޤްޞަދަކީ ދެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވިކަން (ސަސްޓެއިނަބިލިޓީ)، އާބާރުގެ ވަސީލަތްތައް (ރިނިއުވަބަލް އެނަރޖީ)، އަދި ގާބިލުކަން އިތުރުކުރުމުގެ (ކެޕޭސިޓީ ބިލްޑިންގ) ދާއިރާތަކުން ގުޅުން ބަދަހިކުރުމެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މިފަދަ ގުޅުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުންތައް އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން