ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމުގެ މަގްސަދުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކް ބިލު، މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި ބިލަކީ ވިޔަފާރީގެ ދާއިރާގައި އުފެއްދުންތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ގާއިމުކޮށް، އެކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅާނެ ބިލެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އިގްތިސާދީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ގެނައި އިސްލާހުތަކާއެކުގައެވެ. މި ބިލުގެ މައިގަނޑު މަގްސަދަކީ ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކާ ގުޅިގެން އެ ވެރިފަރާތަށް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމެވެ. އަދި ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައިވާ ގޮތުން، ޓްރޭޑްމާކަކީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.

ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކްގެ ވެރިފަރާތަށް ލިބޭ ހައްގުތަކުގެ ތެރޭގައި، ހުއްދަ ނެތި އެ މާކަކާ އެއްގޮތް ނިޝާނެއް ނުވަތަ އެ މާކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ބޭނުންކުރުން ހުއްޓުވުމުގެ ޙައްގު ހިމެނެއެވެ. ނަމަވެސް، ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތަށް ލިބިގެންވާ ޙައްގުތައް ބޭނުން ނުކުރެވޭނެ ދާއިރާތައްވެސް މި ބިލުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދެވޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން