މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އަށް މަސައްކަތްކުރުމަށް އަމިއްލަ އިމާރާތެއް ފުރަތަމަ ފަހަރަށް ލިބިގެން މިދިޔައީ މި ސަރުކާރުގެ ދަށުންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އެމް.ސީ.އެސްގެ އައު ހެޑްކުއަރޓަރސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، މިއީ ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތްތައް ކުރިއެރުވުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި ވަޞީލަތްތަކުގެ ގޮތުން މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަމަށެވެ.
ކޮމިޝަނަރ ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ކަރެކްޝަނަލްގެ އޮފީސް ހިންގުމަށް 6 އިމާރާތެއް ކުއްޔަށް ނަގަންޖެހުނެވެ. އަދި އެންމެ ފަހުން އޮފީސް ހިންގަމުންދިޔައީ ޕީ.އެސް.އެމްގެ އޭ ބްލޮކްގައި ކަމަށެވެ. ޒަރީރު ވިދާޅުވީ، އެތަނުގައި އޮފީސް ހިންގޭ ވަރުގެ ޖާގައެއް ނުލިބުނު އިރު، އެތަނުގެ މަރާމާތަށް ދައުލަތުން 11 މިލިޔަން ރުފިޔާ ޚަރަދުކުރި ކަމަށެވެ. "އެންމެ ފަހުން ޕީއެސްއެމްގެ އޭ ބްލޮކްގައި އޮފީސް ހިންގަމުންދިޔައީ. އޮފީސް ހިންގޭ ވަރުގެ ޖާގައެއް ނުލިބުނު. އެތަނުގެ މަރާމާތަށް ދައުލަތުން 11 މިލިޔަން ޚަރަދުކުރި." ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޒަރީރު ވިދާޅުވީ، ފުރަތަމަ ފަހަރަށް ކަރެކްޝަނަލްއަށް 5 ވެހިކަލަކާއި 2 އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. މި ވެހިކަލްތަކަކީ ޖަލުތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ވަރަށް ބޭނުންތެރި ވަޞީލަތްތަކެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، މިވަގުތު ހުޅުމާލޭ ޖަލުން ޤައިދީން ހޮސްޕިޓަލަށް އުފުލަމުންދަނީ ބަގީއެއްގައި ކަމަށާއި، މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އާ ވެހިކަލްތައް ލިބުމުން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި، ޚިދުމަތް ދިނުމުގައި އިތުރު ފަސޭހައެއް ލިބި، ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.