ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓުމާއި، އެ ދާއިރާއަށް އޮންނަ އިތުބާރު އިތުރުކުރުމެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި އިސްލާހުތަކުގެ ތެރޭގައި، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ. މިއީ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް، ފަނޑިޔާރުންގެ ޒިންމާދާރުކަން އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، މި ބިލުގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް އިތުރަށް ތަފްސީލުކޮށްފައިވެއެވެ. ހަމައެހެންމެ، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައްކުރުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލުތައްވެސް ވަނީ ތަފްސީލުކޮށްފައެވެ. އަދި ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަންޖެހޭ އުޞޫލުތައް މުރާޖަޢާ ކުރުމަށްވެސް މި ބިލުގައި ހިމަނުއްވާފައިވެއެވެ.
ބިލުގައި ހިމެނޭ އެހެން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ފަނޑިޔާރުން އައްޔަން ކުރައްވާފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުޞޫލުތައް އިތުރަށް ތަފްސީލުކޮށްފައިވުމެވެ. މިކަމުގެ ސަބަބުން ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހިންގުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.