ވީއައިއޭއިން ފައިސާ ފޭރިގަތް މައްސަލައިގައި އިތުރު 3 މީހުން ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ވީއައިއޭއިން ފައިސާ ފޭރިގަތް މައްސަލައިގައި އިތުރު 3 މީހުން ހައްޔަރުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފައިސާ ހުރި ސޫޓު ކޭހެއް ފޭރިގަތް މައްސަލައިގެ ތަޙުޤީޤަށް އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އިތުރު ހައްޔަރުތަކާއެކު މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ ހަތް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުންގެ މައުލޫމާތު ދެއްވާ ގޮތުގައި، އެންމެ ފަހުން ހައްޔަރުކުރި ތިން މީހުންނަކީ ގއ.ވިލިނގިލި /ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި، ތ.ވިލުފުށި/ އެހީވާގެ، އަޙްމަދު މާޙިދު (44އ)އާއި، ސ.ހިތަދޫ / ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ) އެވެ. މީގެތެރެއިން ޢަބްދުލްއައްވަލް ހައްޔަރުކުރީ މިމަހުގެ 2 ވަނަ ދުވަހު ކަމަށާއި، އަޙްމަދު މާޙިދު ހައްޔަރުކުރީ 4 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޢަލީ އަފްޒަލް ހައްޔަރުކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ހައްޔަރުކުރެވުނު މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ޢަލީ އަފްޒަލް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، ދެވަނަ ފަހަރަށް ހާޒިރުކުރުމުން އޭނާވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ކުރިއަށްދާ އިރު، މިހާތަނަށް ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން، ތަޙުޤީޤުގެ ތެރެއިން ފަސް އުޅަނދެއް ބަލައި ފާސްކޮށް، މާލެއާއި އެހެނިހެން ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ވަނީ މިހާތަނަށް ބަލައި ފާސްކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން