ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ޓީމު ރާއްޖެއަށް އައުމާއެކު ރަތްފިނިފެންމަލުގެ މަރުހަބާއެއް ވަނީ ކިޔާފައެވެ.

ފަލަސްތީނުގެ ޓީމަށް މަރުހަބާ ކިޔުމުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އާއި އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަލަސްތީނުގެ ޒުވާން ޤައުމީ ޓީމުން ރާއްޖެއަށް މިކުރާ ދަތުރަކީ މި މަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕުކުރުމަށް ކުރި ދަތުރެކެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން އެ ޓީމަށް ރާއްޖޭގައި ކޭމްޕު ކުރުމުގެ ހުއްދަ ދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިންނެވެ.

މި ހުއްދައިގެ ދަށުން އެ ޓީމުން ރާއްޖޭގައި ފަރިތަކުރުންތައް ބާއްވާއިރު، މިކަމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުޅިވަރު ވުޒާރާއިން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މި ޓީމުގެ ހުރުމާއި، ކެއުން ކުޅިވަރު ވުޒާރާއިން ހަމަޖައްސަވާފައިވާއިރު، ލޮޖިސްޓިކްސްގެ ހުރިހާ ޚަރަދެއް ބަހަލައްޓާނީ އެފްއޭއެމުންނެވެ. އަދި ޓީމުގެ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފައިވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ. އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި، ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީ، މިކަމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވެއެވެ.

މި ދަތުރުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރި ކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 13 އަދި 15 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ރޭގަނޑު 9:00 ޖަހާއިރުއެވެ. ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެހީތެރިވުމުގެ ގޮތުން މި މެޗުތަކަށް ސްވެނިއާ ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ކޮންމެ މެޗެއްގައިވެސް ވިއްކާނީ ސްވެނިއާ ޕްލެޓިނަމް (1000ރ. ގެ 50 ޓިކެޓް) އަދި ސްވެނިއާ ގޯލްޑް (500ރ. ގެ 200 ޓިކެޓް) އެވެ. ވިއްކާ ޓިކެޓުގެ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ. ރާއްޖޭގައި ޓްރެއިނިން ކޭމްޕް ނިންމުމަށް ފަހު އެ ޓީމް މި މަހުގެ 19 ވަނަ ދުވަހު ކޮލިފައިން މެޗުތައް ކުޅުމަށް އިންޑިއާއަށް ދަތުރުކުރާނެއެވެ.

މިއަދު އޮންލައިން