އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ސަޢުދީ އެއާލައިނުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ސަޢުދީ އެއާލައިނުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަޢުދީ އެއާލައިންގެ ފަރާތުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެއްވަވާ ޚިދުމަތްތަކާއި ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ އެއާލައިންގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ޚާއްސަކޮށް ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ކޮންމެ ޙައްޖު މޫސުމެއްގައިވެސް ދިވެހި ޙައްޖުވެރިން އުފުލުމުގައި ވަރަށް އިސްކަމެއް ދެއްވައިގެން ސަޢުދީ އެއާލައިނުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށާައި ދިވެހި ސަރުކާރުން އެކަން ފާހަގަކުރައްވާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވެލައްވާފައިވެއެވެ.

ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާ އާއި ބައްދަލުކުރެއްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ޙައްޖުގެ ޚިދުމަތާއި ބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މިއަދު އޮންލައިން