މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ގަޑިތަކަށް ވަގުތީ ބަދަލެއް ވެމްކޯއިން ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ގަޑިތަކަށް ވަގުތީ ބަދަލެއް ވެމްކޯއިން ގެނެސްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ވަގުތީ ބަދަލެއް ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ ފެސިލިޓީތަކުގައި ކުރިއަށް ގެންދާ މެއިންޓެނެންސް މަސައްކަތަކާ ގުޅިގެންނެވެ.

ވެމްކޯއިން ހާމަކުރެއްވި ގޮތުގައި، މި ބަދަލު އަމަލުކުރާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވެމްކޯއިން ވިދާޅުވީ، މި ބަދަލު ގެނައުމުގެ މަގުސަދަކީ އެ ކުންފުނީގެ ކުނި ފެސިލިޓީތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއި، މެއިންޓެނެންސް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މި ބަދަލާ ގުޅިގެން، މި ދުވަސްތަކުގައި މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދެމުން ގެންދާނީ ކޮންމެ ދުވަހެއްގެވެސް މެންދުރު 14:00 އިން ރޭގަނޑު 20:00 އާ ހަމައަށެވެ. ވެމްކޯއިން ވަނީ، ކުނި ނެރުމަށް ތައްޔާރުކުރުމަށް މެންދުރު 13:00 އާއި 14:00 އާ ދެމެދުގެ ވަގުތު ބޭނުންކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ބަދަލު އައުމުގެ ކުރިން، މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގަމުން ދިޔައީ ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 19:00 އިން 22:00 އާ ދެމެދުގެ ވަގުތުގައެވެ. ވެމްކޯއިން ވިދާޅުވީ، ފެސިލިޓީގެ މެއިންޓެނެންސް މަސައްކަތް ނިމުމާއެކު، ކުރިން ކުނި ނަގަމުން ދިޔަ ގަޑިތަކަށް ކުނި ނެގުމުގެ ޚިދުމަތް އަލުން ފެށޭނެ ކަމަށެވެ. އެހެންކަމުން، މި ބަދަލަކީ ހަމައެކަނި މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އަމަލުކުރާނެ ވަގުތީ ބަދަލެކެވެ.

މިއަދު އޮންލައިން