ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓްރޭޑްމާކާއި ބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ޙިމާޔަތްކުރެވޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފިކުރީ މުދަލުގެ ޙައްޤުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން، އުފައްދާ މުދަލަށް ނުވަތަ ދޭ ޚިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ ޙައްޤު ހަމައެކަނި އެފަރާތަކަށް ޔަޤީންކުރެވޭނެއެވެ. މީގެ އިތުރުން، އުފެއްދުންތަކުގެ ސައްޙަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ނިޒާމެއް މި ޤާނޫނުގެ ސަބަބުން ޤާއިމްވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަރފީޓްކުރުން މި ޤާނޫނުގެ ދަށުން ޖިނާޢީ ކުށަކަށް ހަދާފައިވާ ކަމަށެވެ. އަދި މި ޤާނޫނުގެ ދަށުން ޢާންމު ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީ ކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.