ދަނގެތި ޞިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތު ގެ މަ ސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަނގެތި ޞިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތު ގެ މަ ސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ދަނގެތި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މި މަޝްރޫޢަކީ 34.96 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަސްތެރޭ މި މަސައްކަތް ނިންމުމަށެވެ. މި މަޝްރޫޢުގެ ދަށުން 5,000 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ބުރީގެ އިމާރާތެއް ބިނާކުރުން ހިމެނެއެވެ. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ނިމުމާއެކު، ދަނގެތީގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

1,260 މީހުންގެ އާބާދީއެއް އޮންނަ ދަނގެތި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއިއެކު ނިންމައިފައެވެ. މިހާރު އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ޢާންމު ދަތުރުފަތުރުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ދަނގެތީގެ ޞިއްޙީ މަރުކަޒު ފުޅާކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް އެ ކުންފުނިން ދެމުންދާ އެއްބާރުލުމުގެ އިތުރު މިސާލެކެވެ.

މިއަދު އޮންލައިން