ދިރާގުންގެ ތިންވަނަ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި އިފްތިތާޙުކޮށްފިއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓެކްނޮލޮޖީގެ ހައްލުތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ޙާސިލުކުރެވުނު މުހިންމު ކުރިއެރުމެކެވެ.
މި ޑޭޓާ ސެންޓަރު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ނ. ވެލިދޫގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޑޭޓާ ސެންޓަރު އިފްތިތާޙުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު އާއި ވެލިދޫ ކައުންސިލްގެ ރައީސް، އާތިފް ޙުސައިން ގުޅިވަޑައިގެންނެވެ.
މި ޑޭޓާ ސެންޓަރަކީ 'ޓިއަރ 3 ރެޑީ ޑޭޓާ ސެންޓަރ' އެކެވެ. މިއީ ދިރާގުން ދުނިޔޭގެ ފެންވަރުގެ އިތުބާރު، ސަލާމަތީ ކަންކަން އަދި އޮޕަރޭޝަނަލް ފެންވަރު ހިފެހެއްޓުމަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެކެވެ. މި ސެންޓަރުގެ ސަބަބުން އެ ސަރަޙައްދުގައި ހިންގާ ވިޔަފާރިތަކާއި، ރިސޯޓުތަކާއި، އެންޓަރޕްރައިޒްތަކަށް އެމީހުންގެ ޑޭޓާ އެމީހުންގެ އޮޕަރޭޝަންތަކާ ކައިރީގައި ސަލާމަތްތެރިކަމާއެކު ބެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ކްލައުޑް ބޭސްޑް ހިދުމަތްތަކާއި މުހިންމު އެޕްލިކޭޝަންތަކުގެ ދެމިހުރުމާއި އެފިޝަންސީ އިތުރުވެ، ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީއަށް އެހީތެރިވެ، އަތޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އަހަރުގެ ކުރީކޮޅުވެސް ދިރާގުން ވަނީ ހުޅުމާލޭގައި ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި 'ޓިއަރ 4 ސެޓިފައިޑް ޑޭޓާ ސެންޓަރު' އިފްތިތާޙުކޮށްފައެވެ. މި ސެޓިފިކޭޝަނަކީ ޔޫޕްޓައިމް އިންސްޓިޓިއުޓުން ދޭ އެންމެ މަތީ ފެންވަރުގެ އިތުބާރުގެ ސެޓިފިކޭޝަނެވެ. މިއީވެސް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ގާބިލުކަން އިތުރުކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.
މި ކާމިޔާބީއާއެކު، ދިރާގުން ދަނީ ރާއްޖޭގެ އެންމެ އިސް ޑިޖިޓަލް އެނޭބްލަރގެ މަގާމު ހިފަހައްޓަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި އީޖާދީ، ގުޅިފައިވާ، އަދި ދެމިހުންނަނިވި ކުރިއެރުމެއް ހޯދުމަށްޓަކައި އެންމެ ފަހުގެ އިންފްރާސްޓްރަކްޗަރގައި އިންވެސްޓްކުރުން ދިރާގުން ދަނީ ކުރިއަށް ގެންދަމުންނެވެ.