މީރާއިން އޮކްޓޫބަރު މަހު 2.04 ބިލިއަން ރުފިޔާ ބަލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
މީރާއިން އޮކްޓޫބަރު މަހު 2.04 ބިލިއަން ރުފިޔާ ބަލައިގަނެފި

އޮކްޓޫބަރު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ ގެގޮތުގައި 2.04 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %16.7 އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.2 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އޮކްޓޫބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، އޮކްޓޫބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، ސެޕްޓެންބަރު 2024 އާ އަޅައިބަލާއިރު ސެޕްޓެންބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %12.6 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެން، އޮކްޓޫބަރު 2025 ގެ އާމްދަނީ އޮކްޓޫބަރު 2024 ގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފައެވެ.

އޮކްޓޫބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %1.2 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ ގެ އިތުރުން ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ. އަދި މި ފީތަކުން ލިބުނު އާމްދަނީއަކީ އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެވެ. މީގެ އިތުރުން، އޮކްޓޫބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ 21.0% އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %7.1 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

އޮކްޓޫބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 60.4% ނުވަތަ 1.23 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 8.5% ނުވަތަ 172.3 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 146.1 މިލިއަން ރުފިޔާ (7.2%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 138 މިލިއަން ރުފިޔާ (6.8%)، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 135.9 މިލިއަން ރުފިޔާ (6.7%) އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 7.2 މިލިއަން ރުފިޔާ (3.5%) ބަލައިގަނެފައިވެއެވެ.

 އޮކްޓޫބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 85.96 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.                   

މިއަދު އޮންލައިން