ގިނަ ބައަކު މިއަދު މިވަނީ ކަންބޮޑުވުމުގެ ތެރޭގައެވެ. ނަމާދުކުރަން ފަށަންވީތޯ ނުވަތަ އަދި ތަންކޮޅެއް ފަސްކޮށްލާފައި ފަށާނީތޯ އެބަ ސުވާލު އުފައްދައެވެ. އަންހެނުން ޙިޖާބް އަޅައި ނިވާވާންވީތޯ ނޫނީ ޢުމުރުން ދުވަސްވެލުމުން އެކަންކުރާނީތޯ އެބަ ސުވާލުއުފައްދައެވެ. ރިބާ ހިމެނޭ ލޯނު ނަގައިގެން ކަންކަން ކުރަންވީތޯ ނޫނީ ދެއްވެވި މިންވަރަށް ޝުކުރުކޮށްލައިގެން ކެތްތެރިވެލަންވީތޯ އެބަ ސުވާލު އުފައްދައެވެ. އަތުގައި ހުރިނަމަވެސް ޙައްޖުވާންވީތޯ ނުވަތަ ޢުމުރުން ދުވަސްވެލުމުން އެކަން ކުރާނީތޯ އެބަ ސުވާލު އުފައްދައެވެ.
ކަންކަން މިހާލަތުގައި ހުރުމުން ބުނެލާނަމެވެ. ތިއަ ހުރިހާ ސުވާލުތަކެއްވެސް ތިއަ އުފެދެނީ ޤުރްއާނަށް އީމާން ނުވެވޭތީއެވެ. މުޅި ޤުރްއާނުގައިވެސް އޮތް އެންމެ ބޮޑުކަމަކީ ޤުރްއާން ބަލައިގަނެ ޢަމަލުކުރުމަށް އޮތް އަމުރުފުޅެވެ. އެއަމުރުފުޅަށް ޢަމަލުނުކޮށް ދުނިޔެވެސް އަދި އާޚިރަތް ވެސް ކާމިޔާބެއް ނުކުރެވޭނެއެވެ.
ޤުރްއާން ބަލައގަނެ އެފޮތަށް ޢަމަލުކުރަންވީ އެމީހާ ބޭނުންވުމަކުންނޫނެވެ. އެއީ މިހާރުން މިހާރަށް އެންމެ ފުރަތަމަކުރަންޖެހޭ ކަންތަކެވެ. އެކަން ކުރުމުން މެނުވީ އެއްވެސް މީހަކަށް ޙަޤީޤީ އުފާވެރިކަމެއް އަދި ކާމިޔާބީއެއްވެސް ނުލިބޭނެއެވެ.
މީސްތަކުންނޭވެ! މިވަގުތު މިތިބެވެނީ ޢަމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާގެ މަގަށް އެނބުރުމަށް އެންމެ ރަނގަޅު ދުވަސްތަކުގައެވެ. ހިޖުރައިގެ ދުވަސްތަކުގައެވެ. ހިޖުރަކުރަންވީ ތިމާގެ ޢަމަލުތަކެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ މަގެވެ. މިއީ އެމަގު ޚިޔާރުކުރަން އެންމެ ރަނގަޅުވަގުތެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން