ޢިބްރަތްތެރި ވާހަކަ: ތަނަވަސް ކަމަށް އަނބިމީހާގެ ދަހިވެތިކަން ބޮޑުވީމާ ގޭގެ ނޯކަރުކަމުން ތަނަވަސް މީހާގެ އަނބިމީހާކަމަށް ޕްރަމޯޓުވި ނޯކަރުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް ކަމަށް އަނބިމީހާގެ ދަހިވެތިކަން ބޮޑުވީމާ ގޭގެ ނޯކަރުކަމުން ތަނަވަސް މީހާގެ އަނބިމީހާކަމަށް ޕްރަމޯޓުވި ނޯކަރުގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. މެދުފަންތީގެ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ. ކައިވެންޏަށް 2 އަހަރުވީތަނާ އަނބިމީހާގެ ކިބައިން ފެންނަންފެށި ބައެއް ކަންކަމުގެ ސަބަބުން ހިތުގައި ޝައްކުތައް އުފެދެން ފެށިއެވެ. ޙަޤީޤީ ލޯބިވާކަމާއިމެދުގައެވެ. މިއުޅެނީ ފައިސާގެ ދަހިވެތިކަމުގައި ނޫން ހެއްޔެވެ؟  

އެއްދުވަހަކު މެންދުރެއްހައިއިރު ގެއަށް ވަނީ މީހެއްގެ އެހީތެރިކަމާއިއެކު ފުރޮޅުލީ ގޮނޑިއެއްގައެވެ. ދެފައިވެސް ހުރީ ޕްލާސްޓަރު އަޅައިފައެވެ. އަނބިމީހާ ސުވާލުކުރުމުން ބުންޏެވެ. "ލިޒީއެވެ. ކުންފުނި ބަނގުރޫޓުވެއްޖެއެވެ. ބޭންކަށް ގެވެސް ނަގަނީއެވެ. އެކަމާ ވިސްނަމުން ދުއްވަން ހަދައިގެން ކާރު އެކްސިޑެންޓްވީއެވެ. ދެން ހިނގޭނެ ކަމެއްވެސް ނުއެނގެއެވެ. ޢުމުރަށް މިގޮނޑީގައި އިންނަންވެސް ޖެހިދާނެއެވެ. އެހެންވެ މިވިސްނަނީ މައިންބަފައިންގެ ގާތަށް އަވަށަށް ބަދަލުވާށެވެ!"  

އަނބިމިހާގެ ޖަވާބަކަށްވީ ތިއައީ ހަމަ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. ނަމަވެސް އޭނާއަށް އަވަށަށް ނުދެވޭނެ ކަމަށާއި ވަރިކޮށްފައި ދިއުމަށެވެ. ފިރިމީހާ ބުނީ ރަނގަޅަށް ވިސްނާފައި މާދަމާ ޖަވާބެއް ދިނުމަށެވެ.  

އަނެއް ދުވަހު ހެނދުނު ސައިބޯން ތިބެފައި އަނބިމީހާ ބުނީ އޭނާ ވަރަށް ވިސްނައިފިން ކަމަށާއި އަވަށަށް ދެވެން ނެތް ކަމަށެވެ. އެހައި ފަޤީރު ދިރިއުޅުމެއް އުޅެން ބޭނުން ނުވާކަމަށެވެ. އެވަޤުތު ގޭގައި ގެންގުޅޭ ނޯކަރު އަންހެން ކުއްޖާ އައިސް ބުންޏެވެ. "ސަރ އެވެ. ސަރގެ ޚިދުމަތުގައި ވަރަށް ގިނަ ދުވަހު އުޅެވިއްޖެއެވެ. ވަރަށް ގިނަ ހެޔޮކަންތައް ކޮށްދީފީމުއެވެ. މުސާރައެއް ބޭނުމެއް ނޫނެވެ. މަންމައަށް ބޭސްކޮށްދިންކަން ވަރަށް ބޮޑަށް ފާހަގަކުރަމެވެ. އަވަސަށް ބަދަލުވާނަމަ އެކުގައިދާން ބޭނުމެވެ. ސަރއަށާއި ސަރގެ މައިންބަފައިންނަށް ޚިދުމަތްކޮށްދޭން ބޭނުމެވެ."  

އޭނާއަށް ބުނެވުނެވެ. "ކުޑަކުޑަ އެހީތެރިކަމެއް ފޯރުކޮށްދެވުނު މިއަންހެންކުއްޖާގެ ކިބައިން ފެނުނު އިޚްލާޞްތެރިކަންވެސް މިލިއަނުން ޚަރަދުކުރެވުނު އަނބިމީހާގެ ކިބައިގައި ނެތުމުން ޙައިރާންވެއްޖައީމެވެ. އެއީ މައްސަލައެއް ނޫނެވެ. އެއްވެސް ޝަކުވާއެއްވެސް ނެތެވެ. ތިއިނީ ވަރިކޮށްފައެވެ. އަވަހަށް ގެއަށްދާށެވެ."  

އަނބިމީހާ ވަރަށް އުފަލުންހުރެ ކޮޓަރިއަށް ގޮސް ލަގެޖް ބަންދުކޮށްގެން ތިރިއަށް ފައިބައި ނުކުންނަން އައިއިރު ދެމީހަކު އައިސް ފިރިމީހާގެ ފައިން ޕްލާސްޓަރުތައް ނައްޓަނީއެވެ. ނައްޓައި ނިމުމުން ތެދުވެ ހިނގައި ގަތީ ކޮޓަރިއާއި ދިމާއަށެވެ. އެތަން ފެނުމުން މިއީ ފިރިމީހާ ކުރި އިމްތިޙާނެއް ކަމާއި އިމްތިޙާނުން ފޭލްވެއްޖެކަން ވިސްނުނެވެ.  

އެހިސާބުން ގެއިން ދިއުމުގެ ވިސްނުން ބަދަލުކޮށް ސިޓިން ރޫމްގައި އިންދައި ފިރިމީހާ އެނބުރި އައުމުން ވަރަށް ދެރަވެފައި މާފަށް އެދުމުން ބުންޏެވެ. "ކައިވެންޏަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. ދެން ރަނގަޅުވާނީ އަވަހަށް މިގެއިން ދިއުމެވެ." ނުދާންވެގެން ބަހަނާތައް ދެއްކުމުން ފިރިމީހާ ބުންޏެވެ. "އެންމެ ރަނގަޅެވެ. ދާން ބޭނުން ނޫންނަމަ ލަގެޖް ގެންގޮސް ނޯކަރުގެ ކޮޓަރިއަށް ވައްދާށެވެ. ނޯކަރުގެ މަޤާމުގައި ހުރެވިދާނެއެވެ."  

ނޯކަރު އޭނާ ހަދަންވީ ގޮތަކާއިމެދު ސުވާލުކުރުމުން ބުންޏެވެ. "މަތީ ބުރީގެ ދެވަނަ ކޮޓަރިއަށް ބަދަލުވާށެވެ. އަހުރެންނާއި ރުހޭކަމަސްވާނަމަ ހަމަ މިރޭ ކައިވެނިކުރާނަމެވެ. ކައިވެނިކުރިމާ އަހުރެންގެ އަހުރެންގެ ކޮތަރިއަށް ބަދަލުވާނީއެވެ."  

އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ރޮމުން ގެއިން ނުކުމެގެން ދިއައީއެވެ.  

އަންހެން ކުއްޖާ ރުހުމުން އޭނާ ބުނި ގޮތަށް އެރޭ ކައިވެނިކުރުމުން ނޯކަރުކަމުން ގޭގެ ރާނީކަމަށް ވެވުނީއެވެ. ތަނަވަސް މީހެއްގެ އަންތބަކަށް ވެވުނީއެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ޢިބްރަތްތެރި ފިލާވަޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލީއެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން