އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ އަޅުގަނޑުމެން ދޫކޮށްލާފައި ހިނގައްޖެއެވެ. އެހެންވެ ބައްޕަޢާއިބެހޭ ގޮތަކުން އެއްވެސް އެއްޗެއް ނުއެނގެއެވެ. މަންމަ ކިޔައި ނުދޭތީއެވެ. ހުރިހާ ކަމެއް އެތެރެއަށް ދިރުވައިގެން ހުރެ ދިރިއުޅުމުގެ ސަބަބުން މަންމަގެ ޙާލު ދެރަވެ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 15 އަހަރުގައެވެ.
އެހިސާބުން ބޮޑުދައިތަ މަންމަގެ ގެއަށް ބަދަލުވިއެވެ. ފިރިމީހާ އާއި ކުދިންވެސް ގޮވައިގެންނެވެ. ގެއިން މަންމަ ކުއްޔަށް ދީފައި ހުރި ބައިން ލިބޭ ކުލިވެސް ބޭނުންކުރަނީ ބޮޑުދައިތައެވެ. ކަންކަން ހިނގާ ގޮތް ވިސްނެއެވެ. ނަމަވެސް 18 އަހަރު ނުފުރޭތީ ބަހެއް ނުބުނެ ހުރީއެވެ.
ބޮޑުދައިތައާއި ކުރިމަތިލާންޖެހުނީ 19 އަހަރުގައެވެ. ކޮލެޖުގައި ކިޔަވަމުން ދަނިކޮށް 50 އަހަރުގެ ތަނަވަސް މީހަކާއި ކައިވެނިކުރުވަން އުޅުނީމައެވެ. ބޮޑުދައިތަ ބުނީ އަކްލާޤް ރަނގަޅު ތަނަވަސް މީހަކު ލިބުމަކީ މިޒަމާނުގައި ވަރަށް މެދުވެރިނުވާ ކަމެއް ކަމަށެވެ. އެހެންކަމުން ކައިވެނިކުރަންވީ ކަމަށާއި ކައިވެނިކޮށްގެންވެސް ކިޔެވިދާނެ ކަމަށެވެ.
މިކަންތައް ގަނޑު ހުއްޓައި ނުލުމުން ބޮޑުމީހާގެ ފިރިމީހާވެސް އިންދައި ބުނީމެވެ. "ތިއަހައި ރަނގަޅު މީހަކު ލިބުނީމަ ބޮޑުދައިތަ ވަރިވެގެން އެމީހާއާއި ކައިވެނިކުރަންވީ ނޫންހެއްޔެވެ؟ އެއިރުން ތިއަބުނާ ރާނީގެ ދަރަޖައިގައި ބޮޑުދައިތަ ގެންގުޅޭނެ ނޫންހެއްޔެވެ؟ އޭނާގެ ތަނަވަސްކަން މަތީގައި އުދުހެވޭނެ ނޫންހެއްޔެވެ؟"
ބޮޑު ދައިތަ ބުނީ މަންމަ ނިޔާވީމާ އަމިއްލައަށް ޚަރަދުކޮށް އަދި ބުރަ އުފުލައިގެން ގެންގުޅެ ދިނުމުގެ އަގު ބޮޑުދައިތައަށް ތިއަ ދިން ގޮތުގެ ހިތި ރަހަ ދައްކައިލާނެ ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ބޮޑުދައިތާއެވެ! ބޮޑު ދައިތަ އަހުރެންނަށް ކުރީ ކޮން ޚަރަދެއް ހެއްޔެވެ؟ ތިހެން ބުނުމަށްވުރެ އަހުރެންގެ އަމިއްލަ ފައިސާގައި ބޮޑުދައިތައާއި ބޮޑުދައިތަގެ ޢާއިލާ ދިރިއުޅުނީކަމަށް އެއްބަސްވުން މާރަނގަޅުވާނެއެވެ.
އެހެންވީމާ ބޮޑުދައިތައާއި ބޮޑުދައިތަގެ ދަރިން ހަމަމިހާރު މިގެއިން ނުކުންނާށެވެ! ނޫންނަމަ ފައިސާއަށް އަހުރެން ވިއްކާލަން އުޅޭކަމުގެ މައްސަލަ ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީއަށް ހަމަމިހާރު މިހުށަހަޅަނީއެވެ. ތިއަ ދެއްކި ހުރިހާ ވާހަކަތަކެއް ރެކޯޑްކުރީމެވެ. އިތުރު ހެއްކަކަށް ބޭނުމެއް ނުވާނެއެވެ."
އެހެން ބުނާއިރަށް އަހުރެންނާއި ދިމާއަށް ފުންމައިގަތެވެ. ފޯނު އަތުލުމަށެވެ. ބުނީމެވެ. "ބޮޑުދައިތާއެވެ! ސިންގާއަކާއި ކުރިމަތިލެވޭނީ ކިހިނަކުންކަން އެނގޭތީ މިފޯނު އަތުލިޔަސް ސަލާމަތެއް ނުވެވޭނެއެވެ. އަހުރެންގެ އެކުވެރިންގެ ގްރޫޕުގެ އެތައް ބައަކު އެތިބީ މިއަދުތައް މިހާރުވެސް އަޑުއަހާށެވެ! 2 އުސްތާޛުން އެގެންދަނީ އަޑުއަހަމުންނެވެ. ވީމާ މިތަނަށް ފުލުހުން ގެނައުމުގެ ކުރިން އަވަހަށް ނުކުމެގެންދާށެވެ! ބޮޑުދައިތަގެ ގެއަބަހުއްޓެވެ. އެގެއަށް ދިއައިމަ ނިމުނީއެވެ."
ދެން ބޮޑުދައިތަ ބުނީ ގެހުރި ކުއްޔަށްދީފައިކަމަށެވެ. ޖަވާބުގައި އަޅުގަނޑުބުނީ ކުލީ ފައިސާއިން ތަނެއް ކުއްޔަށް ހިފުމާއި ނުހިފުމަކީ ނޫނީ ވަންނާނެ ތަނަކީ އަޅުގަނޑުގެ މައްސަލައެއް ނޫން ކަމަށެވެ. ބޮޑު ދައިތަ ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އަޅުގަނޑު ބުނީ އަޑުއަހަން ބޭނުން ނޫންކަމަށެވެ. ތިއަވަރުގެ ބޮޑުދައިތައަކު އަހުރެން މަރާލަންވެސް ފަސްނުޖެހޭނެ ކަމަށެވެ.
އަޅުގަނޑަކީ ސޯޝަލް މީޑިއާގައި އެހައިގިނަ އެކުވެރިން ގެންގުޅޭ ކުއްޖަކީމެއް ނޫނެވެ. ތިބޭނީ ހައަކަ ކުދިންނެވެ. އެހުރިހާ ކުދިން ވަޤުތުން ގެއަށް އައިސް އަޅުގަނޑު ޙިމާޔަތް ކުރިއެވެ. އެއިގެ ތެރެއިން 3 ކުދިންނަކީ ފައިސާ ދައްކައިގެން ގެއެއްގައި ކިޔަވަން ތިބޭ ކުދިންނެވެ. އެކުދިން ގެއަށް ބަދަލުކުރީމެވެ. އެވަރުންވެސް ބިރުގަންނަ ވަރުބޮޑުކަމުން އަޅުގަނޑަށް ލޯބި ހުށަހަޅާފައި އޮތް ކްލާސްކުއްޖަކާއި ވަޤުތުން ކައިވެނިވެސް ކުރީމެވެ.
ކައިވެންޏަށް މިހާރު 8 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ. ފިރިމީހާއަކީ ތަނަވަސް މީހެއް ނޫނެވެ. އެކަމަކު ލިބޭ މިންވަރުން ޚަރަދުކުރެއެވެ. ލޯބިދެއެވެ. ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ނުކުރެއެވެ.
އަޅުގަނޑަށް ގިނައިން އަޑުއިވެނީ ވަރަށް ރަނގަޅު ބޮޑުދައިތައިންގެ ވާހަކައެވެ. އަޅުގަނޑަށް ލިބުނުފަދަ ބޮޑުދައިތައެއްގެ ވާހަކަ އަޑުވެސް އިވެނީ ވަރަށް މަދުންނެވެ.
އަޅުގަނޑުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑާއިމެދު ބޮޑުދައިތަ ކަންތައްކުރި ގޮތަށް އެއްވެސް މީހަކު ކަންތައް ކުރާނަމަ އެއަނިޔާއިން ސަލާމަތްވާން މަސައްކަތްކުރުމަށް ހިތްވަރުދިނުމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް