ޢަލީ އިޙްޞާން ފިރާޤް
ދާވުދުގެފާނު އަވަހާރަވުން:
داود عليه السّلام، ބަނީއިސްރާއީލުބާގައިގެ މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވީ ސާޅީސް އަހަރުދުވަހުއެވެ. އެކަލޭގެފާނު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ޢުމުރުފުޅުން ސަތޭކަ އަހަރުފުޅުގައެވެ. އެކަން އަންނަނިވި ޙަދީޘުފުޅުން ދޭހަވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" لَمَّا خَلَقَ اللَّهُ آدَمَ مَسَحَ ظَهْرَهُ فَسَقَطَ مِنْ ظَهْرِهِ كُلُّ نَسَمَةٍ هُوَ خَالِقُهَا مِنْ ذُرِّيَّتِهِ إِلَى يَوْمِ الْقِيَامَةِ وَجَعَلَ بَيْنَ عَيْنَىْ كُلِّ إِنْسَانٍ مِنْهُمْ وَبِيصًا مِنْ نُورٍ ثُمَّ عَرَضَهُمْ عَلَى آدَمَ فَقَالَ أَىْ رَبِّ مَنْ هَؤُلاَءِ قَالَ هَؤُلاَءِ ذُرِّيَّتُكَ فَرَأَى رَجُلاً مِنْهُمْ فَأَعْجَبَهُ وَبِيصُ مَا بَيْنَ عَيْنَيْهِ فَقَالَ أَىْ رَبِّ مَنْ هَذَا فَقَالَ هَذَا رَجُلٌ مِنْ آخِرِ الأُمَمِ مِنْ ذُرِّيَّتِكَ يُقَالُ لَهُ دَاوُدُ . فَقَالَ رَبِّ كَمْ جَعَلْتَ عُمْرَهُ قَالَ سِتِّينَ سَنَةً قَالَ أَىْ رَبِّ زِدْهُ مِنْ عُمْرِي أَرْبَعِينَ سَنَةً . فَلَمَّا انْقَضَى عُمْرُ آدَمَ جَاءَهُ مَلَكُ الْمَوْتِ فَقَالَ أَوَلَمْ يَبْقَ مِنْ عُمْرِي أَرْبَعُونَ سَنَةً قَالَ أَوَلَمْ تُعْطِهَا ابْنَكَ دَاوُدَ قَالَ فَجَحَدَ آدَمُ فَجَحَدَتْ ذُرِّيَّتُهُ وَنَسِيَ آدَمُ فَنَسِيَتْ ذُرِّيَّتُهُ وَخَطِئَ آدَمُ فَخَطِئَتْ ذُرِّيَّتُهُ " { جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ޙަދީޘް ނަންބަރު 3076}
މާނައީ: މާތްﷲ އާދަމުގެފާނު ހެއްދުވުމަށްފަހު، އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ފިރުއްމަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ދަރިންގެ ތެރެއިން ޤިޔާމަތާހަމައަށް ދާންދެން އެކަލާނގެ އުފައްދަވާނެ ހުރިހާ މަޚްލޫޤުން އެކަލޭގެފާނުގެ ބުރަކަށިފުޅުން ނުކުތެވެ. އަދި އެއިން ކޮންމެ އިންސާނެއްގެ ދެލޯދޭތެރޭގައި ނޫރެއްލެއްވިއެވެ. ދެން އެމީހުން އާދަމުގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ ކޮންބައެއްތޯއެވެ؟ މާތްﷲ އެންގެވިއެވެ. މިއީ ކަލޭގެފާނުގެ ދަރީންނެވެ. އެމީހުންގެ ތެރެއިން ބޭކަލެއްގެ ދެލޯފުޅުގެ ދެމެދުގައިވާ ނޫރު ފެނިވަޑައިގެން އާދަމުގެފާނު އަޖައިބުވަވަޑައިގެން އެބޭކަލަކަށް އިޝާރާތްކުރައްވައި ދެންނެވިއެވެ. މިއީ ކޮންބޭކަލެއްތޯއެވެ؟ މާތް ﷲ އެންގެވިއެވެ. އެއީ ކަލޭގެފާނުގެ ދަރިންގެތެރެއިން ފަހުގެ އުންމަތުގެ ބޭކަލެކެވެ. އެބޭކަލަކަށް ދާވުދުގެފާނުގެ ނަންފުޅުން ނަންދެވިގެންވެއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އެބޭކަލަކަށް ދެއްވާފައިވާ އުމުރަކީ ކޮބައިތޯއެވެ؟ މާތްﷲ އެންގެވިއެވެ. ފަސްދޮޅަސް އަހަރެވެ. އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އެކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު އިތުރުކޮށްދެއްވާނދޭވެ! ދެން އާދަމުގެފާނު އުމުރުފުޅު ނިމުމުން މަލަކުލް މައުތު އާދަމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނުގެ އުމުރުފުޅުން އަދި ސާޅީސްއަހަރު ބާކީއެބައޮތް ނޫންތޯއެވެ؟ މަލަކުލްމައުތު ދެންނެވިއެވެ. ކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ދާވުދުގެފާނަށް ނުދެއްވަންތޯއެވެ؟ ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އާދަމުގެފާނު އިންކާރުކުރެއްވީއެވެ. އަދި އާދަމުގެފާނުގެ ދަރިންވެސް އިންކާރުކުރީއެވެ. އާދަމުގެފާނު ހަނދުމަ ނެތުނީއެވެ. އާދަމުގެފާނުގެ ދަރިންވެސް ހަނދާންނެތުނީއެވެ. އާދަމުގެފާނަށް ކުށެއް ކުރެއްވުނީއެވެ. އާދަމުގެފާނުގެ ދަރިންނަށްވެސް ކުށް ކުރެވުނީއެވެ."
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. داود عليه السّلام އަކީ ވަރަށް ޣީރަތްތެރި ބޭކަލެކެވެ. އެކަލޭގެފާނު ތަނަކަށް ވަޑައިގަންނަވާކަމުގައިވާނަމަ ގެކޮޅުގައި ތަޅުލައްވައެވެ. އެކަލޭގެފާނު އެއްދުވަހަކު ގެކޮޅުގައި ތަޅުލައްވާފައި ބޭރަށް ވަޑައިގެންނެވިއެވެ. އެ ދުވަހު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ގޭގެ ފެންޑާގައި ފިރިހެނަކު ހުއްޓާ ދެކެވަޑައިގެންނެވިއެވެ. އެކަމަނާ ގޭގައިވާ މީސްތަކުނަށް ވިދާޅުވިއެވެ. [މި ފިރިހެންމީހާ މި ގެއަށް ވަނީ ކިހިނެތް ހެއްޔެވެ؟ ގޭގެ ދޮރުވެސްވަނީ ތަޅުލާފައެވެ. މާތްﷲ ގަންދެމެވެ. މިކަން داود عليه السّلام އަށް އެނގިވަޑައިގެންފިނަމަ އެކަލޭގެފާނު ވަރަށް ކަނބޮޑުވެވަޑައިގަންނަވާނެއެވެ.]
ދެން داود عليه السّلام ގެ ކޮޅަށް ވަޑައިގެން އެ މީހާ ގޭގެ ފެންޑާގައި ހުރިތަން ދެކެވަޑައިގެން ސުވާލުކުރެއްވިއެވެ. [ކަލޭގެއަކީ ކާކު ހެއްޔެވެ؟] އޭނާ ޖަވާބުދިނެވެ. [އަހަރެންނަކީ ރަސްރަސްކަލުންނަށް ބިރުވެތިނުވާ މީހަކީމުއެވެ. އެއްވެސް ހުރަހަކުން ނުހުއްޓުވޭނެ މީހަކީމުއެވެ.] داود عليه السّلام ވިދާޅުވިއެވެ. [އެހެންވިއްޔާ ތިޔައީ މަރުގެ މަލާއިކަތާއެވެ. އަޅުގަނޑު މާތްﷲ ގެއަމުރުފުޅަށް ކިޔަމަންތެރިވަމެވެ.] ދެން މަރުގެ މަލާއިކަތާ داود عليه السّلام ފުރާނަފުޅު ހިއްޕެވިއެވެ. داود عليه السّلام ނާނޭފުޅުފިއްލަވައި، އެކަލޭގެފާނު ކަފުންކޮޅު ތުރުކުރެއްވިތަނާ އެ ދުވަހުގެ އިރު އަރައި އެކަމުގެ ސަބަބުން ހޫނުކަން އިޙްސާސްވާންފެށިއެވެ. އެހިނދު داود عليه السّلام ގެ ދަރިކަލުން سليمان عليه السّلام ދޫނިސޫފާސޫތްޕަށް އަމުރުކުރެއްވިއެވެ. [އަހުރެންގެ ބައްޕާފުޅަށް ހިޔާއަޅާށެވެ.] ދޫނިތައް ހިޔާ އެޅުމުގެ ސަބަބުން ބިން އަނދިރިވެގެން ދިޔައެވެ. އެދޫނިތައް داود عليه السّلام ފަސްދާނުވަޑުވަންދެން އެކަލޭގެފާނަށް ހިޔާ އަޅުއްވައިދެއްވިއެވެ. {އިމާމު އަޙްމަދު، މުސްނަދު، ދެވަނަ ޖިލްދު، ޞަފްޙާ 419، އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު،ދެވަނަ ޖިލްދު ޞަފްޙާ 320}
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އިބުނު ޢައްބާސްގެ އަރިހުން އިބުނު މާލިކާއި، އަބީ މާލިކާއި އައްސުއްދީ ރިވާ ކުރައްވާފައި ވެއެވެ. [ދާވޫދުގެފާނު އަވަހާރަވީ ހޮނިހިރު ދުވަހެއްގައި ކުއްލިގޮތަކަށެވެ.] އެހެން ރިވާޔަތެއްގައިވެއެވެ. ޤަތާދާ އާއި ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. [ދާވުދުގެފާނު އަވަހާރަވީ ޢުމުރުފުޅުން ސަތޭކާ އަހަރުފުޅުގައެވެ. އަވަހާރަވީ ބުދަ ދުވަހެއްގައެވެ.] أبو السكن الهحري ވިދާޅުވައިވައެވެ. [އިބުރާހީމުގެފާނާއި، ދާވުދުގެފާނާއި، ސުލައިމާނުގެފާނު އަވަހާރަވީ ކުއްލި ގޮތަކަށެވެ.]
{ އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު،ދެވަނަ ޖިލްދު ޞަފްޙާ 321}
(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)