ލޯބިވުމަށްފަހު މީހެއްގެ ހިތަށް އަނިޔާވެރިވެފަ އެހެން މީހަކު ދެކެ މާބޮޑަށް ލޯބިވެ އެމީހާއާ ކައިވެނިކުރާ ގިނަ މީހުންނަށް އޮންނާނީ ލޯބި ނުލިބި ޢުމުރަށް ހިތާމަކުރަންޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ލޯބިވުމަށްފަހު މީހެއްގެ ހިތަށް އަނިޔާވެރިވެފަ އެހެން މީހަކު ދެކެ މާބޮޑަށް ލޯބިވެ އެމީހާއާ ކައިވެނިކުރާ ގިނަ މީހުންނަށް އޮންނާނީ ލޯބި ނުލިބި ޢުމުރަށް ހިތާމަކުރަންޖެހިފަ!

މީހަކު ދެކެ ލޯބިވުމާއި ވަކިވުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން އުޅޭބައަކު އުޅެއެވެ. އެމީހުން އެއްފަހަރާ ކިތަންމެ ގިނަ ބައަކު ދެކެވެސް ލީބިވެގެން އުޅެފާނެއެވެ. އަދި ސީރިޔަސްވެގެން އެތައް ދުވަހެއްވަންދެން އުޅެފަ އެއީ ނުވެސްވާ ލޯތްބަކަށްވެސް ހަދާލައިފާނެއެވެ. އެކަމުން އަނެކާއަށް ލިބޭނެ ހިތްދަތިކަމަށް ވިސްނައިވެސް ނުލާނެއެވެ. ސަމާލުކަންދޭނީ އެމީހުންގެ އުފަލަށާއި ހިތްހަމަޖެހުމަށެވެ. 

މީހެއްގެ ކިބައިން އަނިޔާއެއް ނުވަތަ ބޮޑު ގެއްލުމެއް ލިބި ހިތްދަތިކަން ކުރިމަތިވެ، ތަކްލީފް އުފުލަންޖެހުމުން ބުނެވެއެވެ. "އަހުރެން އޭނާއަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރަމެވެ. އަހުރެންނަށް މިދެރަ ދިނީ ކީއްވެގެންހެއްޔެވެ؟" 

ވިސްނައިލާށެވެ. ތިބާ އޭނާއަށް އެއްވެސް އަނިޔާއެއް ނުދޭކަމަށްވެދާނެއެވެ. ނަމަވެސް އެހެން މީހަކަށް ނުވަތަ ކޮންމެވެސް މީހަކަށް ތިބާއަށް އަނިޔާއެއް ކުރެވިފައިވާނަމަ އެކަން ތިބާއާއި އަރައި ހަމަކުރާނެއެވެ. 

ޒަވާޖީ ޙަޔާތަށް ބަލާށެވެ! ކޮންމެވެސް މީހަކު ދެކެ ލޯބިވެ، އޭނާގެ ހިތް އަތުލުމަށްފަހު އޭނާ ބާކީކޮށް އެއްލާލައި އެެހން މީހަކާއި ގުޅޭ ގިން މީހުންނަށް އެމީހުންގެ ޒަވާޖީ ޙަޔާތުގައި ގިނަ ފަހަރު އޮންނާނީ މައްސަލަތައް ކުރިމަތިވެފައެވެ. ލޯބިވެގެން ކައިވެނިކުރި މީހާގެ ކިބައިން އޮންނާނީ ލޯބި ނުލިބިފައެވެ. އަދި އެކުގައި ދިރިއުޅުނަސް އަބަދުހެން މައްސަލަތައް ޖެހުން އޮންނާނީ ދާދި ގާތުގައެވެ. ލިބެން ބޭނުންވާ އުފާވެރިކަން އޮންނާނީ ނުލިބިފައެވެ. 

ވީމާ އަހުރެމެން މަސައްކަތްކުރަންވީ ހަމައެކަކަށްވެސް އަނިޔާއެއް، ގެއްލުމެއް، އަދި ހިތްދަތިކަމެއްވިޔަސް ނުދީ ދުނިޔޭގައި އުޅުމަށެވެ. ވިސްނަންވީ ތިމާއަށް ހިތްހަމަޖެހުމާއި އުފާވެރިކަމާއި ހިތްހަމަޖެހުން ބޭނުންވާ ފަދައިން ކޮންމެ މީހަކުވެސް އެކަންކަމަށް ބޭނުންވާނެ ކަމެވެ. 

ދަންނާށެވެ! އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ހިތަށް ކުރެވޭ އަނިޔާއެވެ. ވީމާ ހަމައެކެއްގެ ވިޔަސް ހިތަށް އަނިޔާއެއް ނުކުރާށެވެ. އެފަދަ އަނިޔާކުރާނަމަ އެމީހަކާއި އެކަމެއް އައިސް އަރައި ހަމަކުރާނެއެވެ. ތިމާއަށް އުފާވެރިކަން ބޭނުންނަމަ މިއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. އެކަންކަމަށް ސަމާލުކަން ދެވޭނަމަ އެމީހަކަށް އުފާވެރިކަން ލިބި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން