ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ. ޕާކުތަކުގެ މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ.
މީގެ ތެރެއިން ސ. ހިތަދޫގައި 2 ޕާކު ތަރައްޤީކުރާނެއެވެ. މިއަދު ސޮއިކުރެވުނު ޕާކުތަކާއެކު 46 ޕާކެއްގެ މަސައްކަތް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކާއި ވަނީ ހަވާކޮށްފައެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސ.ްޓީ.އޯ) ގެ ސީއެސްއާރު ޕްރޮޖެކްޓުގެ ދަށުން 2 ޕާކު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) 2 ޕާކު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެ.މް.ޓީ.ސީ.ސީ) އިން 4 ޕާކުގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން 6 ޕާކެއް ހެދުން ހިމެނެއެވެ. ބައެއް ރަށްރަށަށް ބޭނުންވަނީ ހަމައެކަނި ޕާކް ސެޓްތަކެވެ.