ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، މާސްޓަރކާޑުން އެ ބޭންކަށް ޚާއްސަ އެވޯޑެއް ދީފިއެވެ.
މި އެވޯޑް ދީފައިވަނީ މާސްޓަރކާޑްގެ "ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް" ގެ ދަށުން ބީއެމްއެލްއިން އަދާކުރި މުހިންމު ދައުރަށް ބަލައިގެންނެވެ.
މާސްޓަރކާޑުން ބުނެފައިވަނީ، ބީއެމްއެލްއިން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑެއް ކަމަށެވެ. މިއީ ރާއްޖޭގެ ފައިނޭންޝަލް ޓެކްނޮލޮޖީގެ ދާއިރާއަށް ބީއެމްއެލްއިން ގެނެސްފައިވާ ކުރިއެރުންތަކުގެ މުހިންމުކަން ހާމަކޮށްދޭ އިޢުތިރާފެކެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން ބުނެފައިވަނީ، ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕްގެ ތެރެއިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އެ ބޭންކުން ދިން އެއްބާރުލުމާއި އަދާކުރި މުހިންމު ދައުރު މާސްޓަރކާޑުން ފާހަގަކޮށްފައިވާ ކަމަށެވެ.
މި އެވޯޑް ބީއެމްއެލްގެ ފަރާތުން ބަލައިގެންފައިވަނީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ. އެވޯޑް ހަވާލުކޮށްދެއްވީ މާސްޓަރކާޑްގެ ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރ ސަންދުން ހަޕުގޮޑާ އެވެ.