ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ފުރުން ފާހަގަކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ފުރުން ފާހަގަކޮށްފި

ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ދެކުނު ކޮރެއާގެ ސަފީރު ހެރ އެކްސެލެންސީ މިޔޮން ލީ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީ މި ދެޤައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ދެކުނު ކޮރެއާއާއެކު އޮތް ގާތް ދެފަރާތުގެ ގުޅުމާއި ބައިވެރިވުން އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖެއިން ދެމިހުންނާނެކަމަށް ޔަޤީންކަން ދެއްވިއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ވެރިކަން ހިންގުމާއި، ތަޢުލީމާއި، ޓެކްނޮލޮޖީއާއި، ޞިއްޙަތުގެ ދާއިރާއިން ވެސް މި ދެޤައުމުގެ ދެމެދުގައި ގިނަ އަހަރުތަކެއް ވަންދެން ކުރެވިފައިވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީ ދެކުނު ކޮރެއާއާއި ރާއްޖެއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމަށް ތަޢުރީފު ކުރައްވާފައެވެ. މި ގުޅުން ބިނާވެފައިވަނީ ދެފަރާތުން އިޙްތިރާމުކުރުމާއި، އެއްބާރުލުމާއި، ސުލްޙައާއި ތަރައްޤީއަށްޓަކައި ހިއްސާކުރާ އެދުންތަކުގެ މައްޗަށް ކަމުގައި ޑރ. ޚަލީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ ބޭރުގެ ސަފީރުންގެ އިތުރުން ޑިޕްލޮމެޓިކް މުޖުތަމަޢުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން